މަނީ ލޯންޑްރިންގެ ތުހުމަތުން ގާޒީ ހައިލަމް ސަލާމަތްވެއްޖެ

ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމް ---

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމްގެ މައްޗަށް ކުރާ މަނީލޯންޑްރިންގެ ތުހުމަތުން  އޭނާ ސަލާމަތްވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގީ މަރުހަލާ ނިންމައި، ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ފޮނުވި ނަމަވެސް ދައުވާކުރެވޭ ވަރަށް ހެއްކާއި ގަރީނާ ނެތް ކަމަށް ފެންނާތީ މައްސަލަ އަނބުރާ އެ އޮފީހުން ފޮނުވާލާފައިވާ ކަމަށެވެ.

ހައިލަމްގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ފައިސާތަކެއް ދެއްވި ކަމަށް ބުނާ މައްސަލައެއްގައެވެ. އެއިރު ހައިލަންގެ އެކައުންޓަށް އަލްހާން ވަނީ ދެލައްކަ ރުފިޔާ ފޮނުވާފައެވެ.

މި މައްސަލައާއި ގުޅިގެން މީގެ ކުރިން އަލްހާން ވިދާޅުވީ، ހައިލަމް އަށް ދީފައިވާ ދެލައްކަ ރުފިޔާއަކީ އެއީ ފަހުން އަނބުރާ ދޭ ގޮތަށް އޭނާ އަތުން ނަގާފައިވާ ލޯނެއް ކަމަށެވެ.

އަލްހާން، ހައިލަމަށް ދެ ލައްކަ ރުފިޔާ ދެއްވި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް މީގެ ކުރިން ބެލި އެވެ. އެއިރު އެމައްސަލަ ބެލުމަށް ފަހު، އޭސީސީން ބުނެފައި ވަނީ ޝަކުވާގައި ބުނާ، އެ ފައިސާއަކީ ހައިލަމް ރަސްމީ ހައިސިއްޔަތުން ކުރައްވަންޖެހޭ ކަމެއްގެ މުގާބިލުގައި އަދި ރަސްމީ ހައިސިއްޔަތުން އަދާކުރައްވަންޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ދިން ފައިސާތަކެއް ކަމަށް ތުހުމަތު ކުރެވުން ނަމަވެސް، އެ މައްސަލައިގައި ލިބުނު ހެކިތަކުން އެގޮތަށް ސާބިތު ނުކުރެވޭ ކަމަށެވެ.

އެ ކަންކަމަށް ރިއާޔަތްކޮށް އެ ކޮމިޝަނުން ނިންމީ އެއީ ކޮރަޕްޝަން އެކުލެވިގެންވާ މައްސަލައެއް ނޫން ކަމަށެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް