
Epic-Games-anuncia-lancamento-da-Copa-Neymar-Jr-de-Fortnite
މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ނޭމާ ފޯޓްނައިޓް ގޭމްއިން ފެނިގެންދާނެކަން އެޕިކް ގޭމްސް އިން ހާމަކޮށްފިއެވެ.

ނޭމާ އަށް ހާއްސަ ކުރެވިފައިވާ ހަރަކާތްތައް ފެނިގެންދާނީ 27 އޭޕްރިލް ގައި ނިކުންނަ ފޯޓްނައިޓްގެ އަޕްޑޭޓް ވާޝަން 16.30 އިން ކަމަށް އެޕިކް ގޭމްސްއިން ވަނީ ބުނެފައި އެވެ.
ނޭމާ މިގޭމުން ފެނިގެންދަނީ ފޯޓްނައިޓްގެ ސީޒަން 6 ގެ ބެޓްލް ޕާސް ގެ ހާއްސަ ބައެއްގެ ތެރެއިންނެވެ. ފޯޓްނައިޓްގައި ނޭމާ ފެނިގެންދާނީ ފުޓުބޯޅަ ކުޅުންތެރިއެއްގެ އިތުރުން ފުޓުބޯޅަ ކުޅޭ މެކޭނިކަލް ޖަގުއާއެއް ގޮތުގައި އެވެ.
ނޭމާ ފެނިގެންދާ ސްކިން ބޭނުންފަރާތްތަކުން މިގޭމު ތެރޭގައި ހުރި ބައެއް ޗެލެންޖުތައް ފުރިހަމަކުރަން ޖެހޭނެއެވެ. އެގޮތުން މި ޗެލެންޖްތައް ފަރުމާކުރެވިފައިވަނީ ފޯޓްނައިޓް އައިލެންޑްގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ފުޓުބޯޅަ ކުޅުންތެރިން ހަވާލުކުރާ މަސައްކަތްތަކެއްގެ ގޮތުގައިއެވެ. ނޭމާ ސްކިން ނުވަތަ އައުޓްފިޓް ހޯދުމަށްޓަކައި މިތަނުން 5 ޗެލެންޖު ކާމިޔާބުކުރަން ޖެހެއެވެ.
އެޕިކް އިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ނޭމާގެ އިތުރުން ބްރެޒިލްގެ ގައުމީ ޓީމުގެ ކުލަތައް ކަމަށްވާ ރީނދޫ، ފެހި އަދި ނޫ ކުލައިން ފަރުމާކުރެވިފައިވާ އައުޓްފިޓް އެއްވެސް މި ގޭމްތެރެއިން ލިބިގެންދާނެއެވެ.
ނޭމާ މި ގޭމުން ފެނިގެން ދިއުން ފާހަގަކުރުމުގެ ގޮތުން ފޯޓްނައިޓްގެ ކްރިއޭޓިވް މޯޑުގައި ނޭމާ ކުޅެމުންދާ ޕެރިސް އަށް ނިސްބަތްކޮށް ހާއްސަ ހަރަކާތްތަކެއް ހިންގުމަށްވެސް ވަނީ ނިންމާފައިއެވެ.