
ރައީސް ޔާމީން ގެއަށް ބަދަލުކުރުމާ މެދު ސަރުކާރުން އަދި ގޮތެއް ނުނިންމާ: މަބުރޫކް
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދަށް ބަދަލު ކުރުމާ މެދު އަދި މިހާތަނަށް ގޮތެއް ނުނިންމާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީރު ވިދާޅުވީ، އެކަމާ ގުޅިގެން މަޝްވަރާތަައް އަދިވެސް ދަނީ ކުރިއަށް ކަމަށާއި މިހާތަނަށް އައިރު އަދި ވަކި ގޮތެއް ނިމިފައި ނުވާ ކަމަށެވެ.
ކަރެކްޝަންސްގެ މިޑިއާ އޮފިޝަލްވެސް ވިދާޅުވީ، ރައީސް ޔާމީން ގެއަށް ބަދަލު ކުރުމުގެ މަޝްވަރާތައް އަދިވެސް ހިނގަމުންދާ ކަމަށެވެ.
ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްދިނުމަށް އެމަނިކުފާނުގެ އާއިލާ އިން އެދުނީ ރަމަޟާން މަހުގެ ކުރިންނެވެ. ނަމަވެސް އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުނުން ފިޔަވައި އިތުރު އެއްވެސް ވާހަކައެއް ކަރެކްޝަނަލް ސާވިސް އިން މިހާތަނަށް ދައްކާފައެއް ނުވެއެވެ.
ރައީސް ޔާމީން ސްޓްރެސް ފްރީ މާހައުލަކަށް ބަދަލުކުރުމަށް މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް ޑޮކްޓަރުން ލަފާދެއްވިއެވެ. އެލަފައާއި ގުޅިގެން ސަރުކާރުން ވަނީ ރައީސް ޔާމީން ރާއްޖެ އިން ބޭރަށް ދިއުމަށް އެދިފައެވެ. ނަމަވެސް އެމަނިކުފާނު ވަނީ ރާއްޖެ ދޫކުރައްވާ އެހެން ގައުމަކަށް ވަޑައިގަތުމަށް ދެކޮޅު ހައްދަވާފައި ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މީގެ ކުރިން ވިދާޅުވެފައި ވެއެވެ.