
178133887_3868168289946576_2264839929010814368_n
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ މައްސަލައަށް ހޭލުންތެރިކުރުވުމަށް "ޕްލާސްޓިކާ ނުލައި" ގެ ނަމުގައި އާއްމުން ހޭލުންތެރި ކުރުވުމުގެ ގައުމީ ކެމްޕެއިނެއް ސަރުކާރުން ފަށައިފި އެވެ.

ވާޗުއަލްކޮށް ބޭއްވި އެވެންޓެއްގައި މިކެމްޕެއިން ރަސްމީ ކޮށް އިފްތިތާހު ކޮށްދެއްވީ ތިމާވެއްޓާއި ބެހޭ ވަޒީރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ.
މިއިވެންޓުގައި ސަރުކާރުގެ "ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" ރަސްމީކޮށް ވަނީ ދައްކާލާފައިއެވެ. މި ޕްލޭންގެ ދެލި ކޮޕީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ވެބްސައިޓުން ބަލާލެވޭޭނެ އެވެ. ހަމައެއާއި އެކު ސިންގަލްޔޫސް ޕްލާސްޓިކް ފޭސް އައުޓް ޕްލޭން ތަންފީޒުކުރުމުގައި ޝާމިލްވާ އެކި މުވައްސަސާ ތަކުގެ މެސެޖުތަކެއް ވެސް ވަނީ މި އިވެންޓުގައި ދައްކާލާފައި އެވެ.
"ޕްލާސްޓިކާ ނުލައި" ކެމްޕެން ކުރިޔަށް ގެންދިޔުމަށް ނިންމާަފައިވަނީ ސަރުކާރުގެ އެކި މުވައްސަސާ ތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، މަދަނީ ޖަމިއްޔާތަކާވެސް ގުޅިގެންނެވެ.
އެ ކެމްޕޭންގެ ދަށުން އެކި މުވައްސަސަތަކާ ގުޅިގެން ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން ތަންފީޒުކުރުމުގައި ކުރެވިގެންދާނެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދީ އެކަންކަމަށް އާންމުން ހޭލުންތެރި ކުރުވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ބުނެއެވެ. އަދި ގާނޫނީ ގޮތުން ގެނެވޭ ބަދަލުތަކާއި ޕްލާސްޓިކާ ނުލައި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރެވޭނެ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތްތަކުގެ މައުލޫމާތުވެސް ދެވޭނެ ކަމަށްވެސް ވަނީ ބުނެފައި އެވެ.
އެއްފަހަރު ބޭނުންކޮށްފާ އުކާލާ ޕްލާސްޓިކް ރާއްޖޭގައި އުފެއްދުމާއި، އެތެރެކުރުމާއި އަދި ބޭނުންކުރުން މަނާކުރުމަށް ސިންގަލް ޔޫސް ޕްލާސްޓިކް ފޭސް އައުޓް ޕެލޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާސްކުރެއްވީ ނޮވެމްބަރު 5، 2020ގަ އެވެ. އަދި، އެކްސްޕޯޓު އިމްޕޯޓު ގާނޫނުގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ކުރާ ސިންގަލްޔޫސް ޕްލާސްޓިކްގެ ވަކި ބާވަތްތަކެއް މަނާކުރުމަށް ރައީސް ސޯލިހު ވަނީ ޑިސެމްބަރު 30، 2020 ގައި ގަރާރެއް ފާސްކޮށްދެއްވާފަ އެވެ. އެ ގަރާރުގެ ދަށުން 12 ބާވަތެއް ޕްލާސްޓިކް 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކުރުމަށް ވަނީ ނިންމާފަ އެވެ.