ކޮވިޑް-19: ތިނަދޫ މޮނީޓަރިންގ ހާލަތަށް ގެނައުމުން ކާޑެއްދޫ އެއާޕޯޓުގައި ހާއްސަ ފިޔަވަޅުތަކެއް އަޅައިފި

ގދ. ތިނަދޫ އިން ބަޔަކު ކޮވި-19 އަށް ޕޮޒިޓިވްވެ އެރަށް މޮނީޓަރިންގ  ޙާލަތަށް ގެނެވިފައިވާތީ ގދ. ކާޑެއްދޫ އެއާޕޯޓުގައި ހާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

ކާޑެއްދޫ އެއާޕޯޓުން މިއަދު ނެރުނު ހާއްސަ އެންގުމެއްގައި ބުނެފައިވަނީ، ތިނަދޫ މޮނީޓަރިންގ ހާލަތަށް ގެނެވިފައިވުމާއެކު، އެ އެއާޕޯޓުގެ ހިދުމަތް ސީދާގޮތުންނާއި ނުސީދާގޮތުން ލިބިގަންނަ އެންމެހާ ފަރާތްތަކުން އެ އެއާޕޯޓުން އަޅާ ހާއްސަ ފިޔަވަޅުތަކަށް ސަމާލުކަންދީ އަމަލު ކުރެއްވުމަށެވެ.

އެގޮތުން އަޅާފައިވާ ފިޔަވަޅުތަކަކީ:

  •  ވަކި ގޮތަކަށް އެ އެއާޕޯޓުން އަންގަންދެން، ފުރުމަށް ހުރިހާ ކަމެއް ހަމަޖެހިގެން ލިޔުމުން ހޯދަންޖެހޭ ހުރިހާ ހުއްދައެއް ހޯދައިގެން އެ އެއާޕޯޓަށް އަންނަ ދަތުރުވެރިންނާއި ފަތުރުވެރީން ފިޔަވައި އިތުރު އެއްވެސް ފަރާތެއް އެ އެއާޕޯޓަށް ނޭރުން.

އޭގެތެރޭގައި، އެއާޕޯޓަށް ދަތުރުކުރައްވާ އުޅަނދުތަކުގެ ފަޅުވެރިންނާއި، ކާގޯފޮނުވައި ނެގުމަށް އަންނަ ފަރާތްތަކާއި، ފުރާ މީހުންނާއެކު އަންނަ ފަރާތްތައް ހިމެނުނުނަމަވެސް ފުރަން އަންނަ ފަސިްޖަރުންނާއި، ފަތުރުވެރިންނާއެކު ރިސޯޓުތަކުން އަންނަ ވަކި ހާއްސަ ހުއްދަ އޮންނަ ހޯސްޓުން އެ ހާލަތުން އިސްތިސްނާ ވާނެއެވެ

  • ތިނަދޫއިން ފުރަން ހުއްދަ ލިބިގެން އަންނަ ފަރާތްތަކުން ކޮންމެހެން ކާޑެއްދޫ އެއާޕޯޓުގެ ޒިމާމަން ރެސްޓޯރަންޓުގެ ބޭނުން ހިފަން ޖެހިއްޖެ ނަމަ އެތަނުގެ ބޭރުގައި އެކަމަށް ހާއްސަ ކުރެވިފައިވާ މޭޒުތަކެއްގައި ތިބެ ހިދުމަތްތައް ލިބިގަތުން.
  • ޓާމިނަލާއި، މޯލްޑިވިއަން އޮފީހާއި، ޒިމާމަން ކާޑެއްދޫ ރެސްޓޯރަންޓް ފަދަ އެއްްވެސް އިމާރާތެއްގެ ތެރެއަށް ވަންނަން ހުއްދަ އޮތް ފަރާތްތަކުން ވަންނަނަމަ  މާސްކު އަޅައި ގައިދުރުކަން އިސްކުރުން.

ބަނދަރުން ޓާމިނަލަށް ދިއުމަށާއި ޗެކިން ކުރުމަށް ނުވަތަ އެހެންވެސް ގޮތަކުން އެހީތެރިއަކު ބޭނުންވާ ދަތުރުވެރިއަކު ނަމަ އެކަން ކުރީބައިގަ ކާޑެއްދޫ އެއާޕޯޓުގެ ޑިއުޓީ މޯބައިލް (7992630) އަށް ގުޅުއްވައި މަޝްވަރާކުރުމަށް އެ އާޕޯޓުުން ވަނީ އަންގައިފައެވެ. އަދި ކާގޯ ފޮނުވަން އަންނަ ފަރާތްތަކުން ކާޑެއްދޫއަށް ފުރުމުގެ ކުރިން މޯލްޑިވިއަން ކާޑެއްދޫ ޑިއުޓީ މޯބައިލް (7911768) އަށް ގުޅުއްވައި ކާޑެއްދޫ ބަނދަރުން ކާގޯ ނެގޭނެ ގޮތް. އަދި ކާގޯ ބަލާ އަންނަ ފަރާތްތަކުންވެސް ބަނދަރުން ކާގޯ ނެގޭނެ ގޮތް ހަމަޖެއްސުމަށްވެސް އެ އާޕޯޓުންވަނީ އިލްތިމާސްކޮށްފައެވެ.

ތިނަދޫ މޮނިޓަރިން އަށް ލާފައިވަނީ ހޯމް ކަރަންޓީނުގައި ހުއްޓާ އިއްޔެ ފައްސިވި ފާރާތެއްގެ ޑައިރެކްޓް ކޮންޓެކްޓެއް ފައްސިވުމާ ގުޅިގެންނެވެ. އަދި މި މީހާއަކީ ކަރަންޓީނުގައި ނެތް މީހަކަށްވުމުން ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. މިވަގުތު ތިނަދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 3 ކެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް