
ކޮވިޑް-19: ރާއްޖެއިން އިންޑިއާގެ ފަތުރުވެރިންނަށް ހާއްސަ ފިޔަވަޅުތަކެއް އަޅައިފި
290254_3_12e2c8de8d92011b9dc0b8fdb1cae9e932128d92_medium
އިންޑިއާއިން ދިވެހިރާއްޖެއަށް ދަތުރު ކުރައްވާ ފަތުރުވެރިންނަށް ޚާއްޞަ ފިޔަވަޅުތަކެއް އެޗްޕީއޭއިން އަޅައިފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު އެންގުމެއްގައި ވާގޮތުން، އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ކޮވިޑް-19 ގެ ވެކްސިން ފުރިހަމަ ކުރައްވާފައިވާ ފަރާތްތަކުންވެސް 96 ގަޑިއިރު ނުވާ ޕީސީއާރް ނެގަޓިވް ނަތީޖާ ބޭނުންވާނެއެވެ. މީގެ ތެރޭގައި 24 ގަޑިއިރަށްވުރެ ގިނަ އިރު އިންޑިއާގައި ޓްރާންސިޓް ކުރައްވާ ފަތުރުވެރިންވެސް ހިމެނޭނެކަމަށް އެޗްޕީއޭގެ އެންގުމުގައިވެއެވެ. އަދި ނެގެޓިވް ނަތީޖާއާ އެކު ރާއްޖެ އެތެރެވެވުނު ނަމަވެސް، އެ ފަތުރުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ޕީސީއާރް ޓެސްޓް ނަތީޖާ ބޭނުންވާނެއެވެ.
އިންޑިއާއިން އަންނަ ދިވެހީންނާއި ވޯކްޕާމިޓް ހޯލްޑަރުންނަށްވެސް ފިޔަވަޅުތަކެއްވަނީ އެޅިފައެވެ.
އެގޮތުން އެޗްޕީއޭއިން ވަނީ އަންގައިފައި ވަނީ ކޮވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ހިމެނޭ ގޮތަށް އިންޑިއާއިން އަންނަ ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުން، ރާއްޖެ އައުމަށްފަހު 24 ގަޑި އިރުތެރޭގައި ޕީސީއާރް ޓެސްޓު ހެދުމުގެ އިތުރުން 10 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ވުމަށެވެ. އަދި ކަރަންޓިނުން ދޫކޮށްލެވޭނީ، ކަރަންޓިން ރިލީޒް ސާމްޕަލް ނެގެޓިވް ވުމުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި މީގެ ތެރޭގައި 1 އަހަރުން ދަށުގެ ކުޑަކުދީންނެއް ނުހިމެނޭއެވެ.
އިންޑިއާގެ ފަތުރުވެރިންނަށް ދިވެހިރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާ (މީހުން ދިރިއުޅޭ ތަންތަނާ މުޅިން ވަކިން ހުންނަ ސިޓީ ހޮޓާތައް ފިޔަވައި) ތަކަށް ޗެކްއިން ވުން ހުއްޓައިލުމަށްވެސް ވަނީ އަންގައިފައެވެ. އެހެން ނަމަވެސް މި ވަގުތު އެފަދަ ތަންތަނުގައި ޗުއްޓީ ހޭދަކުރައްވަމުން ގެންދަވާ ފަތުރުވެރިންނަށް އެއްވެސް ހުރަހެއް ނެތްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އިންޑިއާއިން ރާއްޖެ އަންނަ މީހުންނާ މެދު ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ނިންމީ މިވަގުތު އިންޑިއާގެ ކޯވިޑް-19ގެ ޙާލަތު ގޯސްވެފައިވާތީއެވެ. އެގޮތުން ބަލީގެ އެކި ވޭރިއެންޓް އުފެދި އެގްއުމުގައި ބަލިޖެހިގެން މަރުވާ މީހުންގެ އަދަދު ރިކޯޑު އަދަދަކަށްވަނީ އިތުރުވެފައެވެ.