އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިހާބު މެއި މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ނިންމައި، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަންނަ މަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ހިއްސާކުރައްވަމުން އެޕާޓީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ ވިދާޅުވީ ޖުމްލަ 455 މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އަދި މި އިންތިހާބުގައި ވާދަކުރުމަށް އޮންލައިންކޮށްވެސް ފޯމް ހުށައެޅޭނެކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.

ދާއިރާއެއްގެ ރައީސްކަމަށް ކުރިމަތިލާނާމަ އެ ދާއިރާއަށް ނިސްބަތްވާ އެމްޑީޕީގެ 50 މީހުންގެ ސޮއި ހަމަކުރަންޖެހެއެވެ. އަދި ޕްރޮވިންސް ނުވަތަ ސިޓީއެއްގެ ރައީސްކަމަށް ކުރިމަތިލާނަމަ 200 މެންބަރުންގެ ސޮއި ހޯދަން ޖެހެއެވެ.

މި އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް އެލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އިމްތިޔާޒް ވިދާޅުވީ މެއި 29 ވާ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދާނީ ހަމައެކަނި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކަމަށެވެ.

އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ މަންދޫބުން ކަނޑައެޅުމުގެ ފުރުސަތު މެއިމަހުގެ 9 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހާއި ހަމައަށް އެޕާޓީން ވަނީ ހުޅުވާލާފައެވެ. އަދި ހަމަ އެދުވަހު ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް ނެރެ ކެންޑިޑޭޓް ނަންބަރު އިއުލާނު ކުރާނެކަމަށް، އިމްތިޔާޒް ވިދާޅުވިއެވެ.

އިންތިޚާބުގައި ވޯޓު ލެވޭނީ ހަމައެކަނި 18 އޭޕްރީލްގެ ނިޔަލަށް ޕާޓީގައި ރަޖިސްޓްރީވެފައި މެންބަރުންނަށެވެ. ވޯޓުލެވޭ މީހުންގެ ލިސްޓް 24 އޭޕްރީލްގައި އާއްމުކޮށްފައި ވާއިރު، 28 އޭޕްރީލްއާއި ހަމައަށް އެ ލިސްޓަށް ޝަކުވާ ހުށަހެޅޭނެއެވެ. އަދި ޝަކުވާތައް ބެލުމަށްފަހު ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓް ނެރުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ ފަސްވަނަ ދުވަހުއެވެ.

މި އިންތިހާބު ކުރިއަށްދާނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް ވެސް އެމްޑީޕީން ބުނެއެވެ. އިންތިހާބުގައި ވޯޓުލުން ކުރިއަށް ދާނީ، މެއި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 9 ން ހަވީރު ފަހަކާއި ހަމައަށެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް