
ތިންވަނަ ފަހަރަށް ޓޯކިޔޯގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި
image
ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ތިން ވަނަ ފަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފިއެވެ.

ޓޯކިޔޯގައި ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފައި މިވަނީ އޮލިޕިކްސް ފެށެން ތިން މަހަށް ވެފައި ވަނިކޮށެވެ. ޓޯކިޔޯގެ އިތުރުން އެގައުމުގެ ހުޅަނގު އޮސާކާ، ޔޮޓޯ އަދި ހީގޯގައި ވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައެވެ.
އެގައުމުގެ ބޮޑުވަޒީރު ޔޮޝިހީޑް ސުގާ ބުނެފައިވަނީ އެ ފިޔަވަޅު އަޅާފައިވަނީ އެގައުމުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުންނާއި ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި އެގައުމަށް ދަތުރު ކުރާ މީހުންގެ އިންސައްތަ މަދު ކުރުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ތަޖުރިބާކާރުން ބުނާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ނަމަވެސް އެގޮތަށް ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.
ޓޯކިޔޯގައި ތިން ވަނަ ފަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނީ ކިހާ ދުވަހުގެ މުއްދަތަކަށް ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ. މި މުއްދަތުގެ ތެރޭގައި ބާތަކާއި ފިހާރަ، މޯލް އަދި ސިނެމާ ފަދަ ތަންތަން ބަންދުކޮށް އަދި ޔުނިވާސިޓީތަކުގެ ކިޔަވައިދިނުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ އޮންލައިންކޮށެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއި އެކު ޖަޕާނުގައި އެންމެ ފުރަތަމަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ ހަތް ވަނަ ދުވަހުއެވެ.