
އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހޮނިހިރު ދުވަހު ހުޅުވާލަނީ
big_GwMykIo8NeBRrYTvBYHIpXtIh
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބު މެއި މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު އަންނަ ހޮނިހިރު ދުވަހު ދާއިރާތަކުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީއިން މައުލޫމާތު ދޭގޮތުގައި ދާއިރާތަކުގެ މަގާމްތަކަށް ކުރިމަތިލުމަށް ފުރުސަތު ހޮނިހިރު ދުވަހު ހުޅުވާލާއިރު އެ ދުވަހު ވޯޓާސް ލިސްޓް އާންމުކޮށް ލިސްޓަށް ޝަކުވާ ހުށައެޅުމަށްވެސް ހުޅުވާލާނެ ކަމަށެވެ. އަދި މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ލިސްޓަށް ހުށައަޅާ ޝަކުވާތައް ބަލައިގަންނާނެ ކަމަށެވެ.
ފައިނަލް ވޯޓާސް ލިސްޓް އާންމު ކުރުމަށް ނިންމާފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހު އެވެ. އަދި ކެންޑިޑޭޓުން ވާދަ ކުރުމުގެ ފޯމް މެއި މަހުގެ 8 ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖެހުމާއި ހަމައަށް ބަލައިގަތުމަށް ވެސް ވަނީ ނިންމާފައި އެވެ.
މެއި މަހުގެ ނުވަވަނަ ދުވަހު ކެންޑިޑޭޓް މަންދޫބުންނަށް ފުރުސަތު ހުޅުވާލާއިރު އެ ފުރުސަތު 12 ވަނަ ދުވަހު ހަވީރު ހަތަރެއް ޖެހުމާއެކު ބަންދު ވާނެ އެވެ. އަދި ހަމަ އެ ދުވަހު ކެންޑިޑޭޓުންގެ ފައިނަލް ލިސްޓް، ކެންޑިޑޭޓުންގެ ނަންބަރާއެކު އިއުލާނު ކުރާނެ އެވެ.
މި އިންތިޚާބުގައި ވޯޓުލެވޭނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ހިމެނިފައިވާ މެންބަރުންނަށެވެ. މިއާއި އެކު އަންގާރަ ދުވަހުން ފެށިގެން މެއި މަހުގެ 29 ގެ ނިޔަލަށް ޕާޓީން މެމްބާޝިޕް ފޯމު ބަލައިގަތުން ވަގުތީ ގޮތުން ވަނީ ހުއްޓާލާފައި އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ޝައުގުވެރިކަން ފާޅުކޮށް އެކި ދާއިރާތަކަށް އެ ޕާޓީގެ މެންބަރުން ވަނީ ކެންޕެއިން ފައްޓަވާފައެވެ.