
މަސްދޯނި ފަހަރުގައި ބިދޭސީން ގެންގުޅެން ހުއްދަ ދިނުމަކީ ގައުމަށް ދެވޭ ބޮޑު ގެއްލުމެއް: ސައުދު
saud hussain
މަސް ދޯނިފަހަރުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅެން މިނިސްޓްރީ އޮފް ފިޝަރީޒް އިން ހުއްދަ ދިނުމަކީ ގައުމަށް ދެވޭ ބޮޑު ގެއްލުމެއް ކަމަށް ގއ. ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ރެގިއުލޭޓް ކުރެވިގެން ހަރުދަނާކަމާއެކު ބެލެހެއްޓި އިގްތިސާދު ފުޅާވެގެން ދިޔުމަކީ ގައުމަށް ކޮށްދެވޭނެ މުހިއްމު މަސައްކަތެއްކަމަށެވެ.
ރާއްޖޭގެ އިގްތިސާދީ ސިޔާސަތަށް ބަލާއިރު މަސްވެރި އުޅަނދުފަހަރުގައި ބިދޭސީ މަސައްކަތްތެރިންނަށް ހުއްދަ ދިނުމަކީ ގައުމުގެ އަންނަން އޮތް ޖީލަށް ދެވޭނެ ބޮޑު ގެއްލުމަކަށް ވެގެންދާނެ ކަމެއްކަން ފާހަގަކޮށް ސައުދު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކޮންޓްރޯލްވެސް ބިދޭސީން ނަގަމުން އަންނަކަމަށެވެ.
އަދި ޒުވާނުންގެ ބޭނުންކުރެވޭ ގޮތަށް ކަންކަން ބަދަލުކޮށްގެން ނަމަވެސް ޒުވާނުން މަސައްކަތުގެ ދާއިރާއަށް ނެރެންޖެހޭ ކަމަށް ސައުދު ވިދާޅުވިއެވެ.
މަސް ދޯނިފަހަރުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅެން ފިޝަރީޒް މިނިސްޓްރީން ހުއްދަ ދީފައިވަނީ އިއްޔެއެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު ގަވާއިދުގެ ދަށުން މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތްވާގޮތައް، އެއުޅަނދެއްގައި މަސައްކަތްކުރުމަށް ހޯދާ ވޯކްޕާމިޓެއްގެ ދަށުން، 2 ބިދޭސީންނަށް މަސައްކަތްކުރުމުގެ ފުރުސަތު މިހާރު ފަހިކޮށްދެވިފައިވާ ކަމަށެވެ.
މަސްދޯނިފަހަރުގައި މަސައްކަތް ކުރުމުގެ ހުއްދަ ބިދޭސީންނަށް ދެވުނަސަް ސީދާ މަސްވެރިކަމުގައި އެމީހުންނަކަށް ބައިވެރިއެއް ނުވެވޭނެއެވެ.