
large_161060524222SDTY
ދިރާސީ އާ އަހަރު އޯގަސްޓް 10 ވަނަ ދުވަހު ފަށާ ގޮތަށް އެކަޑެމިކް ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުންނަމަ، ފުރަތަމަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ އޯގަސްޓް 10 އިން ޑިސެމްބަރު 23 އަށެވެ. މިޑްޓާމް ޗުއްޓީ ވާނީ އޮކްޓޫބަރު 17ގަ އެވެ. ފުރަތަމަ ޓާމުގެ ޗުއްޓީ ވާނީ 26 ޑިސެމްބަރުން ޖެނުއަރީ 13، 2022 އަށެވެ.
ދެ ވަނަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 16 އިން ޖޫން 30 އަށެވެ. މިޑްޓާމް ޗުއްޓީ ވާނީ އޭޕްރީލް ތިނަކުން، އޭޕްރީލް ހަތް ވަނަ ދުވަހަށެވެ. ދެ ވަނަ ޓާމު ޗުއްޓީ ވާނީ 30 ޖޫން އިން ފެށިގެންނެވެ.
އޮގަސްޓުގައި ފަށާ ދިރާސީ އާއަހަރުގައި ޖުމުލަ ކިޔަވައިދޭނީ 200 ދުވަހެވެ. އެއީ ފުރަތަމަ ޓާމުގައި ކިޔަވައިދޭނީ 88 ދުވަހާއި ދެވަނަ ޓާމުގައި ކިޔަވައިދޭ 111 ދުވަހެވެ.
ދިރާސީ އަހަރަށް ގެނައި ބަދަލާ އެކު އޭލެވެލް އަދި އޯލެވެލް އިމްތިހާނު ވެސް ދެން އޮންނާނީ މެއި/ޖޫން ގައެވެ. އޭލެވެލް ކިޔެވުން ފެށޭނީ ސެޕްޓެމްބަރު 26 ގައެވެ.
ގްރޭޑް 10، 11 އަދި 12 ގައި ކިޔަވާ ދަރިވަރުންގެ މޮކް އިމްތިހާން ބާއްވަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗު 20 ން މާޗު 30 އަށެވެ.
ދިރާސީ އާ އަހަރަށް ބަދަލު ގެނައުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ހިޔާލު ހޯދުމުގެ ސާވޭ އެއްވެސް ކުރިއަށް ގެންގޮސްފަ އެވެ. މި ބަދަލާ އެކު އެކި އިންޑަސްޓްރީތަކުގައި މަސައްކަތްކޮށް ތަޖުރިބާ ހޯދުމުގެ މަސައްކަތް ދަރިވަރުންނަށް ކުރެވޭނެ ކަމަށާއި އާއިލާއާ އެކު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް މިނިސްޓަރު އާއިޝަތު އަލީ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.