
1536160364
މަސް ދޯނިފަހަރުގައި ބިދޭސީންނަށް މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު ގަވާއިދުގެ ދަށުން މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތްވާގޮތައް، އެއުޅަނދެއްގައި މަސައްކަތްކުރުމަށް ހޯދާ ވޯކްޕާމިޓެއްގެ ދަށުން، 2 ބިދޭސީންނަށް މަސައްކަތްކުރުމުގެ ފުރުސަތު މިހާރު ފަހިކޮށްދެވިފައިވާ ކަމަށެވެ.
މަސްދޯނިފަހަރުގައި މަސައްކަތް ކުރުމުގެ ހުއްދަ ބިދޭސީންނަށް ދެވުނަސަް ސީދާ މަސްވެރިކަމުގައި އެމީހުނަކަށް ބައިވެރިއެއް ނުވެވޭނެއެވެ.
މަސްވެރިކަންކުރުމުގައި ގަވާއިދާ ހިލާފަށް ބިދޭސީން މަސައްކަތް ކުރަމުންދާ މައްސަލައިގައި، އޮޑިވެރިންނާއި މަސްވެރިން، މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރައްވާ ފަރާތްތަކާއެކު ދައުލަތުގެ ކަމާގުޅޭ އެކި މުއައްސަސާތަކުގެ މެދުގައި ވަނީ މަޝްވަރާ ބައްދަލުވުންތައް ބޭއްވިފައެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވި ގޮތުގައި މަސް ދޯނިފަހަރުގައި ކުރާ ބައެއް މަސައްކަތްތަކަށް ދިވެހިން ލިބުމުގަ ދަތިތަކެއް ހުރުމަކީ އޮޑިވެރިންނަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި ރާއްޖޭގެ ދޮށީގެ އަދި ބޮޑުކަންނެލީގެ މަސްވެރިކަމުގައި ގަވާއިދާ ހިލާފަށް ބިދޭސީން ހަރަކާތްތެރިވަމުން ދިއުމުގެ ސަބަބުން، ރާއްޖޭގައި ކުރާ މަސްވެރިކަމަކީ ޤާނޫނާއި ގަވާއިދާ ހިލާފު ހަރަކާތްތައް ހިންގަމުންދާ މަސްވެރިކަމެއްގެ ގޮތުގައި ސިފަކުރެވިދާނެ ކަމުގެ ކަންބޮޑުވުން ބޭރުގެ ބޮޑެތި ބައެއް ރީޓެއިލަރުން ފާޅުކުރަމުންދާތީވެ، މި ސިނާއަތުގެ މަންފާއަށްޓަކައި ވަކި ހަމަތަކެއްގެ މަތިން މަސްވެރިކަންކުރާ އުޅަނދުފަހަރުގައި، ސީދާ މަސްވެރިކަންކުރުމުގައި ބައިވެރިވުން ނުހިމެނޭގޮތަށް ބިދޭސީންނަށް ހަރަކާތްތެރިވުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ފިޝަރީޒް މިނިސްޓްރީން ވަނީ މަސްވެރިކަމުގެ އާންމު ގަވާއިދަށާއި ވަކިވަކި މަސްވެރިކަމާއި ގުޅޭގޮތުން އާންމުކޮށްފައިވާ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކާއި، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ އިތުރުން ބިދޭސީން ވަޒީފާއަށް ހުށަހެޅުމުގެ ކޯޓާ ދޫކުރުމާބެހޭ އުސޫލުގެ ދަށުން މަސްވެރި ކޮންމެ އުޅަނދެއްގައި ބިދޭސީންނަށް ހަރަކާތްތެރިވެވޭނެ ހަމަތައް ކަނޑައަޅާފައެވެ.
މަސްވެރިކަން އޮންނަން ޖެހޭނީ ދިވެހި އާއިލާތައް އަތް މަތީގައި ކަމަށާއި ބިދޭސީންނަށް މި ސިނާއަތް ދޫކޮށްލަން ސަރުކާރުން ފުރުސަތު ނުދޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.