
KYH5IAD4pM4WTB45Bw5LHAsQ7RthUHhUI9qsgcGa (1)
ރާއްޖޭގެ ވެރިކަން ހިންގުން އަންނަ އަހަރު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަތުމުގެ ފުރުސަތު އެމަނިކުފާނަށް ފަހިކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެދިވަޑައިގެންފި އެވެ.

ނަޝީދު ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ފޮނުވި ކަމަށް ބުނާ މެސެޖެއްގައި އެއްފަރާތްވެވަޑައިގެން ނުހުންނަވައި، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށާއި އެކަމުގައި ރައީސްއާ މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އަދި ރައީސްގެ އަރިހުންނަޝީދު އެދިވަޑައިގަތީ 2023ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި އާ ސަރުކާރެއް ހޮވުމުގެ ރިޔާސީ އިންތިހާބު އެ އަހަރު ނުބޭއްވުމަށް ވެސް އެދިވަޑައިގަތެވެ. ޖެހިގެން އަންނަ 2024ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާ އިރު ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް އެމަނިކުފާނު ހުށަހެޅުއްވި އެވެ.
މީގެ ކުރިން އެކި އިންޓަވިއުތަކުގައި ވެސް ނަޝީދު ވަނީ އެމަނިކުފާނަކީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެ، އެ ނިޒާމުން ނޫން ގޮތަކަށް އެމްޑީޕީ އަށް ދެން ކާމިޔާބު ވެދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
މީގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުން ވަނީ ބަރުލަމާނީ ނިޒާމެއްތޯ ނުވަތަ ރިޔާސީ ނިޒާމެއްތޯ ބެލުމަށް ވަނީ އާންމު ވޯޓެއް ނަގާފައި އެވެ. އެހެން ނަމަވެސް ރައްޔިތުން އޭރު ގޮތްނިންމީ ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮތުމަށެވެ.