
ރޭޕްގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުންގެ ބަންދަށް ފަސް ދުވަސް ޖަހައިފި
Criminal-Court
މާލޭގައި އަންހެނަކު ރޭޕް ކުރިކަމަށް ބުނާ މައްސަލައިގައި ހައްޔަރުކުރި ދެ ފިރިހެނުންގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލްމައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި މާލޭގައި ދެ މީހަކު ވެގެން އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 8:10 ހާއިރު ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އެދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފައިވާކަމަށްވެސް މީޑިއާ އޮފިޝަލް ވަނީ ކަށަވަރުކޮށްދީފައި އެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮންނަ ދެ މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެ މީހުން ހައްޔަރުކުރީ ކުށުގެ ވެށިން ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މި ހާދިސާގެ މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރޭޕް ކޮށްފައިވަނީ، އެ އަންހެން މީހާ އުފުލައިލައިގެން ގެންގޮސް ގަދަކަމުން ގެއެއްގެ ތެރެއަށް ވައްދައިގެންނެވެ.