
8c89ebed-0ce7-46a4-b1fa-d4f155e4b819
އެމެރިކާއާއި ރަޝިޔާގެ ގުޅުހުން އިތުރަށް ގޯސްވެ ރަޝިއާއާ ދެކޮޅަށް، އެމެރިކާ އަޅަމުން ގެންދާ ދަތިކުރުމުގެ ފިޔަވަޅު ތަކަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާ އިސް ބައެއް މަސްއޫލުވެރިން ރަޝިއާއަށް ވަނުން މަނާކޮށް އެމެރިކާގެ ބައެއް ޑިޕްލޮމޭޓުންވެސް ރަޝިޔާއިން ބޭރުކޮށްލުމަށް އެޤައުމުން ނިންމައިފިއެވެ.

ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގީ ލަވްރޯލް ވަނީ އެމެރިކާގެ ކަންތައް މާމައްޗަށް ހިނގައްޖެ ކަމަށާ އެމެރިކާއާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހުނީ އެގައުމު މައިތިރި ކުރުމުގެ ގޮތުން ކަމަށް ވިދާޅުވެފައި އެވެ.
ރަޝިއާގެ ޚާރިޖިއްޔާއިންވަނީ މޮސްކޯގައި ހުންނަވާ އެމެރިކާގެ ސަފީރު ހާޒިރުކޮށް ވަރަށް ހަރުކަށި އިންޒާރުތަކެއް އޭނާއަށް ދީފައެވެ. މީގެތެރޭގައި ރަޝިއާއިން ފުރުމަށް އޭނާއަށް އެންގުންވެސް ހިމެނެއެވެ. ރަޝިއާގެ ޚާރިޖީ ވަޒީރު ލަވްރޯލް ވަނީ މިކަން ކަށަވަރުކޮށް ދެއްވާފައެވެ.
އެމެރިކާއިންވަނީ ރަޝިއާއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުން ވޮޝިންޓަންގައި ތިބޭ ރަޝިއާގެ ބައެއް ޑިޕްލޮމޭޓުން އެގައުމުން ބޭރުކޮށްލާފައެވެ. މީގެއިތުރުން ރަޝިއާގެ އެތަށް މަސްއޫލުވެރިއަކާ ދެކޮޅަށް އެމެރިކާއިންވަނީ ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅާފައެވެ.
އެމެރިކާއިން މިފިޔަވަޅުތައް އަޅާފައިމިވަނީ ރަޝިއާގެ މައްޗަށް އެތަށް ތުހުމަތުތަކެއް ކުރުމަށްފަހުގައެވެ. އެމެރިކާގެ ތުހުމަތު ތަކުގެތެރޭގައި އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ރަޝިއާއިން މަސައްކަތް ކުރުމާއި އެމެރިކާގެ ހައްސާސް ތަންތަނަށް އަމާޒުކޮށްގެން ވަރުގަދަ ސައިބާ ހަމަލާތަކެއް ދިނުން ހިމެނެއެވެ.
މިގޮތުން އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ކެމްޕޭނަށް ހުރަސް އެޅުމާއި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަން ދެމެހެއްޓުމަށް ރަޝިޔާއިން ޖާސޫސީ ހަރަކާތްތައް ހިންގުން ހިމެނޭކަމަށް ބައިޑެންގެ ސަރުކާރުން ވަނީ ތުހުމަތުކޮށްފައެވެ.