ރެއާލްއިން ބޭލް ވިއްކާލަނީ?

ސަމާރ ޓްރާންސްފާގައި ވޭލްސްގެ ތަރި ގެރެތު ބޭލް ވިއްކާލަން ރޭއާލް މެޑްރިޑުން މަސައްކަތްކުރަމުން އަންނަ ކަމަށް ދުނިޔޭގެ ކުޅިވަރު މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ރެއާލާއެކު ބޭލް މިހާރު ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރުގެ ޖޫން މަހު ހަމަވާއިރު، އޭގެ ކުރިން މި އަހަރުގެ ހޫނު މޫސުމުގައި ބޭލް ވިއްކާލަން ރެއާލުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ބޭލް ވިއްކާލަން ރެއާލުން ބޭނުންވަނީ ކުރިއަށް އޮތް ސީޒަނުގައިވެސް ރެއާލުގެ ކޯޗު ޒިނެދިން ޒިދާނުގެ ޕްލޭނުގައި ބޭލް ނުހިމެނޭތީ ކަމަށްވެސް ސްޕެއިނުގެ ކުޅިވަރު މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެހެންކަމުން ޓޮޓެންހަމުން ބޭނުންވާނަމަ، ބޭލްގެ އެއްބަސްވުން ދާއިމީކުރުމުގެ ފުރުޞަތު އެބައޮތް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި ސީޒަނުގައި ލޯނު އުސޫލުން ބޭލް އަންނަނީ ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުންނެވެ. އެގޮތުން ޓޮޓެންހަމް ދޫކޮށް 2013 ވަނަ އަހަރު، އޭރު ދުނިޔޭގެ ރިކޯޑު އަގެއް ކަމަށްވާ 100 މިލިޔަން ޔޫރޯއަށް ރެއާލާ ގުޅުނު ބޭލް އަނބުރާ ޓޮޓެންހަމާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުން، މިދިޔަ އަހަރުގެ ހޫނު މޫސުމުގައެވެ. އެގޮތުން ރެއާލުން އުމުރުން 31 އަހަރުގެ ފޯވާޑް ލޯނު އުސޫލުން ދޫކޮށްފައިވަނީ މި ސީޒަނުގެ ނިޔަލަށެވެ. ނަމަވެސް މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބޭލް ވަނީ  ޓޮޓެންހަމަށް ބަދަލުވުމުގެ ބޭނުމަކީ ދާއިމީ ގޮތެއްގައި މެޗުތަކެއް ކުޅެ، މި އަހަރުގެ ހޫނު މޫސުމަށް ތާވަލުކޮށްފައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުން ކަމަށް ބުނެފައެވެ. އެހެންކަމުން އޭނާގެ ޙަޤީޤީ ޕްލޭނަކީ މި ސީޒަނުގައި ޓޮޓެންހަމަށް ކުޅުމަށްފަހު، ޔޫރޯގެ ފަހުން އެނބުރި ރެއާލަށް ދިއުން ކަމަށްވެސް ބޭލް ވަނީ ބުނެފައެވެ.

މީގެ ކުރިން ރެއާލާއެކު ޖުމްލަ 12 ތަށި ބޭލް ހޯދާފައިވީ ނަމަވެސް، ރެއާލުގެ ކޯޗުގެ މަގާމާ ޒިދާން ހަވާލުވި ފަހުން ބޭލަށް މާ ގިނަ ފުރުޞަތުތަކެއް ދީފައެއް ނުވެއެވެ. އެގޮތުން މިދިޔަ ސީޒަނުގައި ރެއާލުގެ ޖާޒީގައި ބޭލް ފެނިގެން ގޮސްފައިވަނީ އެންމެ 14 މެޗުގައެވެ. ނަމަވެސް މި ފަހަކަށް އައިސް ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ބޭލް އަންނަނީ ޓޮޓެންހަމުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ސީޒަނުގައި ބޭލް ވަނީ ޓޮޓެންހަމަށް މިހާތަނަށް ކުޅެދިން 27 މެޗުގައި 10 ލަނޑު ޖަހާފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް