
265299_3_eb2ba5b7c318f37536723862522033eeed115d96
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އިންތިހާބު ކުރި ކައުންސިލަރުން ހުވާ ކުރުން އޮންނާނީ ރޯދައިގެ ފަހުން ކަމަށް، ލޯކަލް ގަވަމަންޓް އޮތޯރިޓީ އިން ބުނެފި އެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް އާއި ހަވާލާދީ ރާއްޖޭގެ ނޫހެއް ކަމުގައިވާ "އަދަދު" ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އާ ކައުންސިލަރުން ހުވާ ކުރަން މިހާރު މަސައްކަތް ކުރަމުން އަންނަ ތާރީހަކީ އަންނަ މަހުގެ 18 ވަނަ ދުވަސް ކަމަށާއި ނަމަވެސް އަދި އެ ދުވަސް ޔަގީން ނުވާ ކަމަށް ވެއެވެ.
ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަން އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން މިހާރު ވަނީ ފަށައިފަ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ކުރިން މަސައްކަތް ކުރީ މިދިޔަ އަހަރު އެވެ. އެ މުއްދަތުގެ ތެރޭގައި އިންތިހާބު ނުބޭއްވުނީ ކޮވިޑުގެ ސަބަބުންނެވެ. އާ ކައުންސިލަރުން އިންތިހާބު ނުކުރެވުމުގެ ސަބަބުން ގާނޫނަށް ބަދަލު ގެނެސް ކުރިން ހޮވައިފައި ތިބި ކައުންސިލަރުންގެ މުއްދަތު ފަހުން ވަނީ އިތުރުކޮށްފަ އެވެ.
އާ ކައުންސިލަރުން އިންތިހާބު ކޮށްފައިވާއިރު މިފަހަރު ވެސް އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ވެރިކަން ކުރާ އެމްޑީޕީންނެވެ. ނަމަވެސް އެ ޕާޓީގެ ތާއީދު ކުރިން ބޮޑު ބައެއް ރަށްތައް މިފަހަރު ގެއްލުނެވެ. އޭގެ ތެރޭގައި ވެރިކަން ކުރާ މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީވެސް ވަނީ އެޕާޓީއަށް ގެއްލިފައި އެވެ.