
170483106_4041163302573671_5878185824276583305_n
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީގެ މެމްބަރުން ތިނަދޫ އަށް ޒިޔާރާތްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މައުލޫމާތު ދޭގޮތުގައި މަޖިލީހުގެ ޕެޓިޝަން ކޮމިޓީއިން ތިނަދޫއަށް ޒިޔާރާތް ކޮށްފައިވަނީ "ޗޭންޖް އެންޑީއޭ 2020 ޕެޓިޝަން"އާ ގުޅިގެން ގދ. ތިނަދޫގައި ޤާއިމްކޮށްފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރއަށް ޒިޔާރާތް ކުރުމަށެވެ. އެގޮތުން ކޮމިޓީގެ މެމްބަރުން މިއަދު ވަނީ ގދ. ތިނަދޫގައި ޤާއިމްކޮށްފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް ޒިޔާރާތްކޮށްފައި އެވެ. އަދި އެސެންޓަރުގެ ހާލަތު ވަނީ ބައްލަވާފައި އެވެ.
މިއަދު ތިނަދޫއަށް ވަޑައިގެންފައި ވަނީ ކޮމެޓީގެ މުޤައްރިރު މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު އާއި ނައިބު މުޤައްރިރު ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޤުނީ އާއި ކޮމެޓީގެ މެމްބަރުން މެމްބަރުން ކަމުގައިވާ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާފިއު އާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު އާއި ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު އެވެ.
"ހޭންޑްސް ޓުގެދަރ" ޖަމްއިއްޔާއިން އިސްނަގައިގެން ތައްޔާރުކުރި "ޗޭންޖް އެންޑީއޭ 2020" ޕެޓިޝަން، ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވަނީ މިދިޔަ މާޗު މަހުގެ 24ވަނަ ދުވަހުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމެވެ. މި ޕެޓިޝަންގައި 1050 ފަރާތެއް ވަނީ ސޮއިކޮށްފައެވެ.
އަދި މި މައްސަލަ ފެޓިޝަން ކޮމެޓީއަށް ދިރާސާކުރުމަށް ފޮނުވާލައިފައިވަނީ މާޗު މަހުގެ 30 ވަނަ ދުވަހު އެވެ.
މި ޕެޓިޝަންގެ ބައިވެރިން ބުނެފައިވާ ގޮތުގައި މަސްތުވާތަކެތީގެ އަނދަވަޅުން ދިވެހިރާއްޖެ ސަލާމަތްކުރުމަށް، އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ކަމަކަށް ކުރަންޖެހޭ ކަމަކީ އެންޑީއޭ މި ޒަމާނާއި އެއްގޮތަށް އަލުން ބަދަލުކޮށް އިސްލާހުކުރުން ނުވަތަ ރީސްޓްރަކްޗަރކޮށް، އެ އޭޖެންސީއާއި އެތަނުގެ ދަށުން ހިންގާ ސެންޓަރތަކުގައި އެކި މަގާމުތަކުގައި ތިބި ފަރާތްތަކުން އަލުން މުރާޖައާކުރުމެވެ. އެއަށްފަހު އެ މަގާމުތަކަށް ކުފޫހަމަނުވާ ފަރާތްތައް އެމަގާމުތަކުން ދުރުކޮށް، ގާބިލް ތަޖުރިބާކާރުން އައްޔަންކޮށް އެންޑީއޭގެ ޚިދުމަތްތައް ލާމަރުކަޒުކުރުމަށްވެސް ޕެޓިޝަންގައި ސޮއިކުރި ފަރާތްތަކުން ވަނީ ގޮވާލާފައެވެ.