logoEN
cocacola
ކީރިތި ރަސޫލާ -صلّى الله عليه وسلّم- އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާ މުޢާމަލާތްކުރެއްވި ގޮތުގެ ތެރެއިން (3)

ކީރިތި ރަސޫލާ -صلّى الله عليه وسلّم- އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާ މުޢާމަލާތްކުރެއްވި ގޮތުގެ ތެރެއިން (3)

maxresdefault

بسم الله، الحمد لله، والصّلاة والسّلام على رسول الله، وبعد:

ގޮސިޔާ

މިއީ މި ލިޔުމުގެ 3 ވަނަ ބައެވެ.

ލިޔުމުގެ ފުރަތަމަބައި ވިދާޅުވުމަށް މި ލިންކަށް ޒިޔާރަތްކޮށްލައްވާ!

ލިޔުމުގެ ދެވަނަބައި ވިދާޅުވުމަށް މި ލިންކަށް ޒިޔާރަތްކޮށްލައްވާ!

ތިންވަނަ މިސާލު:

ނަބިއްޔާ -صلّى الله عليه وسلّم- ޚައިބަރު ހަނގުރާމައަށްފަހު ޞަފިއްޔާ-رضي الله عنها- އާއި ކައިވެނިބައްލަވައިގެން އެނބުރި މަދީނާއަށް ވަޑައިގެންނެވި ހިނދު، އެކަމަނާ އަރައި އިންނެވި ޖަމަލުދާނުގޮނޑި ވަށައިގެން ފޭރާމެއް (ފޮތިގަނޑެއް) ލެއްވެވިއެވެ. އެއީ އެކަމަނާ ނިވާކުރެއްވުމަށްޓަކައެވެ. އެއަށްފަހު އެކަލޭގެފާނު އެ ޖަމަލުގެ ކައިރީގައި ބިންމަތީ އިށީނދެ ވަޑައިގެން ޞަފިއްޔާ-رضي الله عنها- ޖަމަލަށް އަރައިވަޑައިގެންނެވުމަށްޓަކައި އެކަލޭގެފާނު ކަކޫފުޅު ދެއްވިއެވެ. އެހިނދު، އެކަމަނާ އެކަމަނާގެ ފައިންޕުޅު އެކަލޭގެފާނުގެ ކަކޫފުޅު މަތީ އަޅުއްވައި، ކަކޫފުޅުގެ އެހީގައި ޖަމަލުގެ މައްޗަށް އަރައިވަޑައިގެންނެވިއެވެ. (ބައްލަވާ: ޞަޙީޙީލް ބުޚާރީ، ފަތުޙުލްބާރީ އާއެކު، 6/86)

މިއީ އެވަގުތު އެތަނުގައި ތިބި މީހުންނަށް ވަންހަނާކުރައްވައިގެން އެކަލޭގެފާނު ކުރެއްވި ކަމެއް ނޫނެވެ. އަންހެނަކަށްޓަކައި ބިންމައްޗަށް ތިރިވެވަޑައިގެން ކަކޫފުޅު ދެއްވައިފިޔޭ މީހަކު ބުނެފާނޭކަމަށް އެކަލޭގެފާނު ޖެހިލުންފުޅުވެވަޑައި ނުގަންނަވައެވެ. އެކަލޭގެފާނު ހުންނެވީ ހަނގުރާމައިން ކާމިޔާބު ހޯދައިގެން އައި އެކަލޭގެފާނުގެ ލަޝްކަރުގެ ތެރޭގައެވެ. ﷲ ގެ ރަސޫލާ، މުސްލިމުންގެ ލަޝްކަރުގެ ވެރިޔާ، ރަޙުމަތުގެ ނަބިއްޔާ، އަދި ކުޅަދާނަ ލީޑަރު އެގޮތަށް އަނބިކަނބަލުންނަށް އެހީތެރިވެދެއްވުމަކީ އެކަލޭގެފާނުގެ ޤަދަރު އެއްވެސް ގޮތަކަށް އުނިވެ ދަށްވާ ކަމެއް ނޫންކަން އެބޭކަލުންނަށް އުނގަންނަވައިދެއްވާ ޙާލުގައެވެ. ކަކޫފުޅަށް އަނބިކަނބަލުން ފައިންޕުޅުން އަރާވަޑައިގެންނެވުމާއި، އެކަމާނާއަށްޓަކައި ތަވާޟުޢުވެރިވެވަޑައިގަންނަވައި، އެހީތެރިވެވަޑައިގެންނެވުމަކީ، އަދި ހިތްހަމަޖައްސަވައިދެއްވުމަކީ އަމިއްލަ ބަލިކަށިވުމެއް ނޫންކަމާއި، ދަރަޖަ ދަށްވާ ކަމެއް ނޫންކަން އުނގަންނަވައިދެއްވާ ޙާލުގައެވެ.

ހަތަރުވަނަ މިސާލު:

ނަބިއްޔާ -صلّى الله عليه وسلّم- އަކީ އެކަލޭގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުން ދެކެ ވެވަޑައިގެންނެވި ލޯބި ފޮރުއްވި ފަރާތެއް ނޫނެވެ. އަދި ސުވާލުކުރެވިއްޖެ ހިނދު، އެކަން ޞަރީޙަކޮށް ބަޔާންކުރަން އެކަލޭގެފާނު ލަދުވެތިވެވަޑައިގެންފައި ނުވެއެވެ. މިޒަމާނުގައި ބައެއް ފިރިހެނުންނަނަށް ހީވަނީ، އޭނާގެ އަނބިމީހާ ދެކެ ލޯބިވާ ވާހަކަ އަނބިމީހާ ގާތުގައި ބުނުމަކީ، ނުވަތަ އެހެން މީހެއްގެ ގާތުގައި ބުނުމަކީ ތިމާގެ ފިރިހެންވަންތަކަމަށް ބުރޫއަރާ ކަމެއް ކަމުގައެވެ. ނުވަތަ ތިމާއަކީ ބަލިކަށި މީހެއްކަމަށް ދައްކުވައިދޭނޭ ކަމެއް ކަމުގައެވެ. ނުވަތަ މީހުންގެ މެދުގައި ތިމާގެ އިޙްތިރާމް ގެއްލިދާނެ ކަމެއް ކަމުގައެވެ.

صحيح البخاري ގައި ވާރިދުވެފައިވާ ޙަދީޘެއްގައި ވެއެވެ. ޢަމްރު ބުނުލް ޢާޞް -رضي الله عنه- ނަބިއްޔާ -صلّى الله عليه وسلّم- އަށް ސުވާލު ދެންނެވިއެވެ. "މީސްތަކުންގެ ތެރެއިން ކަލޭގެފާނު އެންމެ ލޯބިވެވަޑައިގަންނަވަނީ ކާކު ދެކެ ތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. عَائِشَة ދެކެއެވެ. (ޞަޙީޙުލް ބުޚާރީ، 3662)

ފަސްވަނަ މިސާލު:

ނަބިއްޔާ -صلّى الله عليه وسلّم- އަކީ އެކަލޭގެފާނުގެ އަނިބިއަނބިކަނބަލުންގެ ހިތްޕުޅަށް އުފާވެރިކަން ގެނެސްދޭނެ ކަންކަން ކުރެއްވުމަށް އިންކާރުކުރެއްވި ބޭކަލެއް ނޫނެވެ. މިޒަމާނުގައި، ތިމާގެ އަނބިމީހާއާ އެއްކޮށް އަނބިމީހާއަށް އުފާ ލިބޭނޭ ފަދަ ކަމެއްގައި ވަގުތު ހޭދަކޮށްލުމަކީ ބައެއް ފިރިންނަށް ނުހަނު އުނދަގޫ ކަމެއް ކަމުގައި ވެއެވެ. ނަބިއްޔާ -صلّى الله عليه وسلّم- ދައްކަވާފައިވާ ނަމޫނާއަށް ބަލައިލަމާތޯއެވެ؟

ޢާއިޝާ -رضي الله عنها- ވިދާޅުވެފައި ވެއެވެ. "ނަބިއްޔާ -صلّى الله عليه وسلّم- ކުރެއްވި ދަތުރުފުޅެއްގައި ތިމަން ކަމަނާ އެކަލޭގެފާނާއެކު ވަޑައިގެންނެވީމެވެ. އެއިރު ތިމަން ކަމަނާއަކީ ހަށިގަނޑު ލުއި ހިކި ކުއްޖަކީމެވެ. ފަހެ، ނަބިއްޔާ -صلّى الله عليه وسلّم- އެތަނުގައި ތިއްބެވި މީސްތަކުންނަށް އެންގެވި އެވެ. ތިޔަބައިމީހުން ކުރިޔަށް ދާށެވެ! ފަހެ، މީސްތަކުން އެކަލޭގެފާނު އެދިވަޑައިގެންނެވި ގޮތަށް (ތިމަން ކަމަނާއާއި ނަބިއްޔާ -صلّى الله عليه وسلّم- ނުފެންނާނޭ ހާ ދުރަށް) ލަޝްކަރުގެ ކުރިޔަށް ދިޔައެވެ. އެއަށްފަހުގައި އެކަލޭގެފާނު ތިމަން ކަމަނާއަށް ވިދާޅުވިއެވެ. (( تَعَالي أُسَابِقُكِ )) މާނައީ: ތިމަން ކަލޭގެފާނު ކަމަނާއާއި (ދުވުމުގައި) ވާދަޖެއްސެވުމަށް އަންނާށެވެ! ފަހެ، ތިމަންކަމަނާއާއި އެކަލޭގެފާނު ދުވުމުގައި އެކަކު އަނެކަކާ ވާދަކުރެއްވީމެވެ. އަދި މޮޅުވީ ތިމަން ކަމަނާއެވެ. ދެން އެއަށްފަހު އެކަލޭގެފާނު ހަނު ހުންނެވިއެވެ.

އޭގެ ދުވަސްތަކެއް ފަހުން، ތިމަން ކަމަނާގެ ހަށިގަނޑުގައި މަސްޖަހައި، ބަރުވެ، އަދި ކުރިން އެ ހިނގައިދިޔަ ކަންތައް ހަނދާންނެތިފައި ވަނިކޮށް، އަނެއްކާވެސް ނަބިއްޔާ -صلّى الله عليه وسلّم- އާ އެކީ ދަތުރެއްގައި ނުކުމެވަޑައިގަތީމެވެ. ފަހެ، ނަބިއްޔާ -صلّى الله عليه وسلّم- އެތަނުގައި ތިއްބެވި މީސްތަކުންނަށް އެންގެވި އެވެ. ތިޔަބައިމީހުން ކުރިޔަށް ދާށެވެ! ފަހެ، މީސްތަކުން އެކަލޭގެފާނު އެދިވަޑައިގެންނެވި ގޮތަށް (ތިމަން ކަމަނާއާއި ނަބިއްޔާ -صلّى الله عليه وسلّم- ނުފެންނާނޭ ހާ ދުރަށް) ލަޝްކަރުގެ ކުރިޔަށް ދިޔައެވެ. އެއަށްފަހު ޙަދީޘްކުރެއްވިއެވެ. (( تَعَالي حَتَّى أُسَابِقُكِ )) މާނައީ: ތިމަން ކަލޭގެފާނު ކަމަނާއާއި (ދުވުމުގައި) ވާދަޖެއްސެވުމަށް އަންނާށެވެ! ފަހެ، ތިމަން ކަމަނާއާއި އެކަލޭގެފާނު ދުވުމުގައި އެކަކު އަނެކަކާ ވާދަކުރެއްވީމެވެ. އަދި (މިފަހަރު) މޮޅުވީ އެކަލޭގެފާނެވެ. އެހިނދު އެކަލޭގެފާނު ހިނިފުޅުވަޑުވައި ވިދާޅުވިއެވެ. (( هَذِهِ بِتِلْكَ )) އެބަހީ: މިއީ ކުރިން ފަހަރު ބަލިވީމައި އޭގެ ބަދަލުގައެވެ." (މުސްނަދުލް އިމާމް އަޙްމަދު، 26277، ސުނަން އަބީ ދާވޫދު، 2578)

މިއީ ﷲ ގެ ރަސޫލާއެވެ! މުސްލިމުންގެ ވެރިޔާއެވެ. ލަޝްކަރުގެ އިސް ކޮމާންޑަރެވެ. ލަޝްކަރު ކުރިޔަށް ފޮނުވާލެއްވުމަށްފަހު، އަނބިކަނބަލުންނާއެއްކޮށް ވަގުތު ހޭދަކުރައްވައި، އަނބިކަނބަލުންގެ ހިތްޕުޅަށް އުފާވެރިކަން ދެއްވަން ބޭނުންފުޅުވިއެވެ. އަދި ކިއެއްތަ! މިކަން ވެގެން ދިޔައީ، ޢާއިޝާ -رضي الله عنها- ގިނަ ދުވަސްތަކެއް ވަންދެން ހަނދުމަފުޅު ކުރެއްވި، އެކަލޭގެފާނުގެ ހަނދާންތަކުގެ ތެރެއިން ހަނދާނެއް ކަމުގައެވެ. އެކަލޭގެފާނު އަވަހާރަވުމަށް ފަހުގައިވެސް މެއެވެ. އަދި މިއީ މުސްލިމް ފިރިހެނުންނަށްވާ ނަމޫނާއެކެވެ.

"ބިޒީ" ވާންވީ ﷲ ގެ ރަސޫލާ ނޫންތޯއެވެ؟ އެއިލާހުގެ ޝަރީޢަތް މީސްތަކުންނަށް ބަޔާންކޮށްދެއްވުމުގެ ތަކުލީފު ޖެއްސެވުނު ފަރާތް ނޫންތޯއެވެ؟ ބޮޑު އުއްމަތެއްގެ ވެރިޔާ ނޫންތޯއެވެ؟ ބޮޑު ލަޝްކަރެއްގެ ކޮމާންޑަރު ނޫންތޯއެވެ؟ އެއާއެކުވެސް، އަކަލޭގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ވަގުތުދެއްވިއެވެ. އެކަނބަލުންނާއެކު ވަގުތު ހޭދަކުރެއްވިއެވެ.

ކޮންމެއަކަސް، ނަބިއްޔާ -صلّى الله عليه وسلّم- ގެ ސީރަތުން މިފަދަ ގިނަގުނަ މިސާލުތަކެއް ފެންނަށް އެބަހުއްޓެވެ. އެހެނަސް، މި ސިލްސިލާ ލިޔުންތަކުގައި މި މިންވަރުން ފުއްދައިލާނަމެވެ. މިއީ އަޅުގަނޑުމެންގެ ނަބިއްޔާ -صلّى الله عليه وسلّم- ގެ ޚުލުޤުފުޅު ހެޔޮކަމާއި، މުޢާމަލާތްކުރެއްވުމުގައި ހުރި މިސާލުތަކެކެވެ. އަދި ވަކިން ޚާއްޞަކޮށް، އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާ މުޢާމަލާތްކުރެއްވުމުގައި ގެންގުޅުއްވި އުސްލޫބެވެ. މިއީ ކިހާ ފުރިހަމަ ނަބީބޭކަލެއް ތޯއެވެ؟

وصلّى الله وسلّم على نبيّنا محمّد وعلى آله وصحيه أجمعين، والحمد لله ربّ العالمين.

-ނިމުނީ-

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ