
އީރާނުން ޔުރޭނިއަމް ފައްކާކުރާ މިންވަރު 60 ޕަސެންޓް މަތިކުރުރަނީ
_118048928_mediaitem118048926
އީރާނުން ކުރިޔަށްގެންދާ ޔުރޭނިއަމް ފައްކާކުރާ މިންވަރު 60 ޕަސެންޓް މަތިކުރުމަށް ނިންމިކަން އެގައުމުން އިއުލާންކޮށްފި އެވެ.

މިކަން ހާމަކުރައްވަމުން އީރާނުގެ ނިއުކްލިޔާ ކަންތައްތަކާބެހޭ އިސްވެރިއެއް ކަމަށްވާ އައްބާސް އިރަގްޖީއާއި ހަވާލާދީ ބޭރުގެ މީޑިއާ ތަކުން ރިޕޯޓްކުރާ ގޮތުގައި އީރާނުން މިހާތަނަށް ޔޫރޭނިޔަމް ފައްކާކުރީ 20 ޕަސެންޓް ކަމަށާއި ނަމަވެސް ޔުރޭނިއަމް ފައްކާކުރާ މިންވަރު 60 ޕަސެންޓް މަތިކުރުމަށް ނިންމައި އެކަމަށްވާން ޖެހޭ ތައްޔާރީތައް ވަމުންދާކަމުގަ އެވެ.
ޔޫރޭނިޔަމް ފައްކާކުރާ މިންވަރު 60 ޕަސެންޓް މަތިކުރުމަށްޓަކައި ނިއުކްލިޔާ ސެންޓްރި ފިއުޖް މެޝިންތަކުގެ ސޮފިސްޓިކޭޓެޑް މެޝިންތަކެއް ގިނަ އަދަދަކަށް ބޭނުންކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާއާއި ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.
އީރާނުން މިނިންމުން ނިންމާފައި މިވަނީ އެގައުމުގެ ނިއުކްލިޔާ މަރުކަޒެއްކަމަށްވާ ނަތަންޒް ނިއުކްލިޔާ މަރުކަޒުގެ ޔުރޭނިއަމް ފައްކާކުރާ ބައިގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި ކަރަންޓް ކެނޑުމުގެ ޙާދިސާގެ ފަހަތުގައި ވަނީ އިސްރާއީލު ކަމާއި އެއީ އިސްރާއީލުން ހިންގި "ނިއުކްލިޔާ ޓެރަރިޒަމް"ގެ އަމަލެއްކަމަށް ތުހުމަތުކޮށްފައި ވަނިކޮށެވެ.
އިސްރާއީލުން މި އަމަލުހިންގީ ސައިބާ ހަމަލާއެއް ދީގެންކަމަށް އިސްރާއީލުގެ މީޑިއާ އިން ބުނާ އިރު އީރާނުން ބުނަނީ މިކަން ހިންގީ އިސްރާއީލުގެ ޖާސޫސީ އިދާރާ "މޫސާދު" އިން ރެކްރޫޓްކޮށްފައިވާ އެޖެންޓެއް މެދުވެރިކޮށް ކަރަންޓް ނެޓްވާކަށް ގެއްލުމެއް ދީގެން ކަމުގަ އެވެ. އެއެޖެންޓް ހުރިތަން ދެނެގަނެވިއްޖެ ކަމަށާ އޭނާ ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް އީރާނުގެ ރަސްމީ ޓީވީން އަންނަނީ ބުނަމުންނެވެ.
ޔޫރޭނިޔަމް ފައްކާކުރާ މިންވަރު 60 ޕަސެންޓަށް މަތިކުރުމަށް ނިންމި ނަމަވެސް އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން ރުޖޫއަވެ އެއެއްބަސްވުމާ ޚިލާފަށް އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން އުވާލައިފި ނަމަ ޔޫރޭނިޔަމް ފައްކާކުރާ މިންވަރު އަލުން އަނބުރައި ތިން ޕަސެންޓަށް ދަށްކުރާނެ ކަމަށް އީރާނުން ބުނެ އެވެ.