
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މިހާތަނަށް 394.4 މިލިއަން ރުފިޔާ ދޫކޮށްފި
resort-muvazza
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭ އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 394.4 މިލިއަން ރުފިޔާ ސަރުކާރުން ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ސަރުކާރުން މިހާތަނަށް ވަނީ 21,761 ފަރާތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައި އެވެ. އެގޮތުން 21,761 ފަރާތަކަށް 394.4 މިލިއަން ރުފިޔާ އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޫކޮށްފައެވެ.
އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ސަރުކާރުން ނިންމީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް ކުރި އަސަރާއެކު ވަޒީފާ ގެއްލުނު މީހުންނަށް އެހީތެރިވުމުގެ ގޮތުން 2020 ވަނަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ނެވެ.
އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވާ ކޮންމެ މީހަކަށްވެސް ގިނަ ވެގެން ލިބޭނީ 5،000 ރުފިޔާއެވެ.
މި އެލަވަންސް ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، 2020 ވަނަ އަހަރުގެ މަރޗް 1 ގެ ފަހުން ވަޒީފާއިން ވަކިކޮށް ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ނުވަތަ މުސާރަ ނުލިބޭގޮތަށް ނޯޕޭއަށް ފޮނުވާފައިވާ ނުވަތަ މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް ލިބޭނެކަމަށް ފިނޭންސްއިން ބުނެއެވެ.
އެގޮތުން ވަޒީފާއިން ވަކި ކުރެވިފައިވާ ނުވަތަ ސަސްޕެންޑް ކުރެވިފައިވާ ފަރާތެއްނަމަ، މަހަކު 5000 ރުފިޔާ އަދި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވާފައިވާ ފަރާތެއްނަމަވެސް އެވަރު އެލަވަންސްގެ ގޮތުގައި ލިބޭނެކަމަށާއި އަދި މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ، 5000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނި ކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.