
ރާއްޖޭގެ ސިޔާސީ މިސްރާބު ހުރިކަަމަށް ބެލެވެނީ ރަށްވެހި ފަތިހަކާ ދިމާލަށް: ނަޝީދު
280100_3_12ee7231766d0d5bec17a52c62fee2381c6401ac_large
ރާއްޖޭގެ ސިޔާސީ މަސްރަހުގެ މިސްރާބު އަދިވެސް ހުރި ކަމަށް ބެލެވެނީ ރަށްވެހި ފަތިހަކާ ދިމާލަށް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބަށް ފަހު ބޭއްވި ފުރަތަމަ މަޖިލިސް ޖަލްސާގައި ނަޝީދު އެ އިންތިހާބާ ބެހޭގޮތުން އެއްޗެއް ވިދާޅުނުވާތީ އިދިކޮޅު މެންބަރެއް ކަމުގައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު އެކަން ފާހަގަކުރެއްވުމުން ނަޝީދު އިންތިހާބާ ގުޅޭގޮތުން ވާހަކަފުޅުދެއްކެވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ވަކި ޕާޓީއެއް އެހާ ބޮޑަށް މޮޅުވުމުން އެކަން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފާހަގަކުރުމަކީ ރަނގަޅު ގޮތްތޯ ސުވާލު އުފެދޭ ކަމަށެވެ. ނަމަވެސް އާދަމް ޝަރީފް އެގޮތަށް ފާހަގަކުރެއްވުމުން ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ފެށުނީއްސުރެ ކޮންމެ ކައުންސިލް އިންތިހާބެއްގައި ވެސް އެމްޑީޕީން ވާދަކޮށް، އެއް އިންތިހާބަށް ވުރެ އަނެއް އިންތިހާބުން ކުރި ހޯދަމުން އަންނަ ކަމަށެވެ.
އެމްޑީޕީއެކޭ އެއްގޮތަށް އިދިކޮޅު ޕީޕީއެމުން ވެސް ކާމިޔާބު ހޯދަމުން އަންނަ ކަމަށާއި އެގޮތުން ކުރިން އެ ޕާޓީ އަށް ނުލިބޭ ދާއިރާތަކާއި ހާއްސަކޮށް މާލޭގެ މޭޔަރުކަމުގެ ގޮނޑި ކާމިޔާބުކޮށްފައިވާކަން ފާހަގަކުރައްވައި އެ ޕާޓީ އަށް އެމަނިކުފާނު ވަނީ މަރުހަބާ ވިދާޅުވެފައި އެވެ.
"ހަމަ މި ދިވެހިރާއްޖޭގެ ސިޔާސީ ތޮބީއަތް ހުރި ގޮތަށް މިސްރާބު ޖަހާފައި އެބަހުރި، އޭގެ މަންޒިލަށް. އެއީ ލަފާކުރެވެނީ ރަށްވެހި ފަތިހަކަށް ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވިގޮތުގައި ކުރީގެ އިންތިހާބުތަކާއި މި އިންތިހާބުގެ ނަތީޖާއާ ދެމެދު މާބޮޑު ފަރަގެއް އޮތް ކަމަކަށް އެމަނިކުފާނަށް ފެނިވަޑައެއް ނުގަންނަވަ އެވެ.
ލޯކަލް އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާތައް ބެލުމަށް ފަހު އެ ކޮމިޝަނުން އަންނަނީ ބައެއް ފޮށިތައް އަލުން ގުނުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންވެ، އިންތިހާބުގެ ވަގުތީ ނަތީޖާ ވެސް އަދި އިއުލާންކޮށް ނުނިމެ އެވެ.