
The Blue Mosque - (Sultan Ahmed Mosque) at sunset
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙަޔާތްޕުޅުގެ އެންމެ ފަހު ދުވަސްތަކުގެ ވާހަކަ ތަކަކީ ލޯތަކުން ކަރުނަ އޮހޮރުވަނިވި، ހިތްތަކުން ހިތާމަކުރުވަނިވި ވާހަކަ ތަކެކެވެ.

~ فضيلة الشيخ حسين صلاح الدين رحمه الله
ބަލިކޮޅު ފެށުން
ހިޖުރައިން 11 ވަނަ އަހަރުގެ ޞަފަރު މަހު 29ވަނަ ދުވަހު އަލްބަޤީޢުގައި އޮތް ޖަނާޒާ އެއްގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ބައިވެރިވެ ވަޑައިގަތެވެ. އެނބުރި ގަނޑުވަރުކޮޅަށް ދިޔަ މަގުމަތީގައި ހުންފުޅު ގަދަވިއެވެ. ކައިރީގައި ތިއްބެވި ޞަހާބީ ބޭކަލުންނަށް އެކަލޭގެފާނު ގެ އިސްތަށިފުޅުގައި ތުރުކުރައްވާފައި އޮތް ޢަޞާބާގެ މަތިން ހުމުގެ އިޙްސާސް ކުރެވޭ ވަރަށް ހުންފުޅު ގަދަވިއެވެ.
އެންމެ ފަހު ހަފުތާ
އެހެން أمهات المؤمنين ގެ އިޒުނަފުޅާއިއެކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް عائشة رضي الله عنها ގެ ގަނޑުވަރު ކޮޅަށް ބަދަލުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެ ގަނޑުވަރު ކޮޅަށް ދިޔައީ الفضل ابن عباس رضي الله عنه އަދި علي بن أبي طالب رضي الله عنه ގެ އެހީތެރިކަމާއިއެކު، ދެ ފައިންޕުޅު ކާއްތަވަމުންނެވެ.
އެންމެ ފަހު 5 ދުވަސް
ބުދަދުވަހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އާލާސްކަންފުޅު ބޮޑުވުމުން ޙަދީޘް ކުރެއްވިއެވެ.
(هريقوا علي سبع قِرَب من آبار شتى، حتى أخرج إلى الناس، فأعهد إليهم)
ތިމަންކަލޭގެފާނު ގައި ކޮޅަށް ހަތް ބާލިދީ ފެން (މަދީނާގެ ފެންވަޅުތަކުގެ ތެރެއިން 7 ފެންވަޅުން 7 ބާލިދީ ފެން) އަޅާށެވެ. އެއީ މީސްތަކުންނާއި ބައްދަލުކޮށް މުޚާތަބު ކުރުމަށް ދިޔުމަށް ޓަކައެވެ.
އެކަލޭގެފާނުގެ އަހުލުން އެ ޙަދީޘްކުރެއްްވި ގޮތަށް ކަންތައް ކުރެއްވިއެވެ. މިހެން ކަންތައް ކުރެއްވުމުން މާތް ހަށިކޮޅުގައި ވަރުޖެހުނެވެ. އަދި މިސްކިތަށް ވަޑައިގެން މިންބަރުކޮޅުގައި އިށީނދެ، ވަށައިގެން ތިއްބެވި ޞަހާބީ ބޭކަލުންނަށް މުޚާޠަބު ކުރައްވާ ޙަދީޘް ކުރެއްވިއެވެ.
لعنة الله على اليهود و النصارى، اتخذوا قبور أنبيائهم مساجد
މާނައީ: ”ޔަހޫދިންނާއި، ނަޞާރާއިންގެ މައްޗައް ﷲ ގެ ލަޢުނަތް ހުއްޓެވެ. އެބައިމީހުން އެބައިމީހުންގެ ނަބީންގެ މަހާނަފުޅުތައް މިސްކިތްތަކަކަށް ހެދިއެވެ.“ (ޢާއިޝަތުގެފާނު ވިދާޅުވިއެވެ.) މިބަސްފުޅުން އެކަލޭގެފާނުގެ މަޤްޞަދަކީ އެ ޔަހޫދީންނާއި، ނަޞާރާއިން އެކުރި ނުބައިކަންތަކުން، އެކަލޭގެފާނުގެ އުއްމަތުގެ މީސްތަކުން ބިރުވެތިކުރެއްވުމެވެ.
لا تتخذوا قبري وثنا يعبد
ތިމަންކަލޭގެފާނު މަހާނަކޮޅު އަޅުކަންވެވޭ އެއްޗަކަށް ނަހަދާށެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
((إن عبدا خيره الله أن يؤتيه من زهرة الدنيا ما شاء، و بين ما عنده، فاختار ما عنده))
”ހަމަކަށަވަރުން މާތްﷲ ގެ އަޅަކަށް ދުނިޔޭގެ ޒީނަތްތެރިކަމާއި ތިޔާގިކަންދެއްވުމާއި މެދުގައްޔާއި، އެކަލާނގެ ޙަޟުރަތުގައިވާ ނިޢުމަތްތައް ދެއްވެވުމާއިމެދު އިޚްތިޔާރު ދެއްވެވިއްޖެއެވެ. އަދި އެ އަޅާ އެކަލާނގެ ޙަޟްރަތަށް ގެންދެވުން އިޚްތިޔާރު ކޮށްފިއެވެ.“~مشكاة المسابيح
މިހެން ޙަދީޘްކުރެއްވީމާ، އަބޫބަކުރުގެފާނު ކީރިތި ކުރައްވާފައި ވިދާޅުވިއެވެ.“ ﷲގެ ރަސޫލާއެވެ. ކަލޭގެފާނަށްޓަކައި ތިމަންބޭކަލުންގެ މައިންނާއި ބަފައިން ޤުރުބާނެވެ.“
ދެން ހުންނަވާފައި ޙަދީޘްކުރެއްވިއެވެ.
“ މީސްތަކުންކުރެ ތިމަންކަލޭގެފާނާއި އެކުއުޅުމުގައްޔާއި މުދަލާއި މެދު އެންމެ މަންފާ ބޮޑީ އަބޫބަކުރުގެފާނެވެ. ތިމަންކަލޭގެފާނު މި ދުނިޔެއިން މިތުރަކު ހިއްޕަވާނޭނަމަ، އަބޫބަކުރުގެފާނު މިތުރަކު ކަމުގައި ހިއްޕެވީމުހެވެ. އެކަމަކު އެހެންނަކުން ނޫނެވެ. އިސްލާމްކަމުގެ އަޚްކަމެވެ. މި މިސްކިތުން ނުކުންނާން ހުރި ހުރިހާ ދޮރުތަކުގެ ތެރެއިން އަބޫބަކުރުގެފާނު ދޮރު ފިޔަވައި އެހެން ހުރިހާ ދޮރެއް ބަންދުކުރެވޭ ހުއްޓެވެ.“
އެންމެ ފަހު 4 ދުވަސް
ބުރާސްފަތި ދުވަހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ތިން ކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިންނާއި މުޝްރިކުން ޢަރަބި ޖަޒީރާއިން ނެރުމަށާއި، އިސްލާމްވުމަށްއެދި އަންނަ ވަފުދުތަކަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ކަމޭހިއްތެވިގޮތަށް ކަމޭހިތުމަށާއި އަދި ތިންވަނަ ކަމަކަށެވެ. ތިންވަނަ ކަން ރާވީ ހަނދާންނެތުނެވެ.
ތިންވަނަ ކަމަކީ ޤުރުއާނާއި ސުންނަތުގައި ހިފެހެއްޓުން، އުސާމާގެ ލަޝްކަރު ފޮނުވުން، ނުވަތަ ނަމާދު ޤާއިމުކުރުން ނުވަތަ އަޅުންނަށް ހެޔޮކޮށްހިތުން
ބުރާސްފަތި ދުވަހުގެ މަޣްރިބު ނަމާދު އިމާމުވެ ކުރެއްވި. ކިޔެވީ سورة المرسلات.
އިޝާ ވަގުތު ބަލިފުޅު ބޮޑުވި
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
މީސްތަކުން ނަަމާދުކޮށްފިހެއްޔެވެ?
عائشة رضي الله عنها ވިދާޅުވިއެވެ. ”ނޫން. ނުކުރެއެވެ. ކަލޭގެފާނަށް އިންތިޒާރުކުރަނީއެވެ.“
އެރޭގެ އިޝާ ނަމާދަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ވަޑައެއްނުގެންނެވުނެވެ. އެރޭ އިޝާ ނަމާދު ޞަހާބީންނާއިއެކު އިމާމުވެ ކުރެއްވީ އަބޫބަކުރުގެފާނެވެ.
ސުވަރުގެ ވަޑައިގަތުމުގެ އެއްދުވަސްކުރިން:
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް 7 ދީނާރު ޞަދަގާތް ކުރެއްވި.
ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެވަޑައިގެންނެވިއިރު އެކަލޭގެފާނުގެ ދަހަނާކޮޅެއް ޔަހޫދީ ވިޔަފާރިވެރިއެއްގެ އަތުގައި ރަހުނުކުރެވިފައިއޮތެވެ. އެއީ ދަރަނީގެ ގޮތުގައި ނެންގެވި 30 ޞާޢުގެ ގޮދަނުގެ ބަދަލުގައި ރަހުނެއްގެ ގޮތުގައެވެ.
އެންމެ ފަހު ދުވަސް
އެކަލޭގެފާނުގެ ޙާލުކޮޅު ވަނީ ވަރަށް ބޮޑުވެފައެވެ. ފަތިސްވުމުން ރަސޫލާ ކޮޓަރިކޮޅުގެ ފަރުދާކޮޅު ކައްސަވާލައްވައި މީސްތަކުން އަބޫބަކްރުގެފާނުގެ ފަހަތްޕުޅުގައި ނަމާދުކުރަމުންދާ ތަނަށް ބައްލަވައިލެއްވިއެވެ. މި މަންޒަރު ފެނިވަޑައިގަތުމުން ހިނިވަރުނަކުރެއްވިއެވެ. އެކަލޭގެފާނުގެ މޫނުފުޅު އަލިވެ އުޖާލާވެގެން ދިޔައެވެ. މީސްތަކުންނަށް ރަސޫލާ ﷺ ފެނުމުން އުފަލުން ފޮޅުނެވެ.
)) أَقْبَلَتْ فَاطِمَةُ تَمْشِي كَأَنَّ مِشْيَتَهَا مَشْيُ النَّبِيِّ صَلَّى اللّهُ عَلَيْهِ وَسَلَّمَ فَقَالَ النَّبِيُّ صَلَّى اللّهُ عَلَيْهِ وَسَلَّمَ مَرْحَبًا بِابْنَتِي ثُمَّ أَجْلَسَهَا عَنْ يَمِينِهِ أَوْ عَنْ شِمَالِهِ ثُمَّ أَسَرَّ إِلَيْهَا حَدِيثًا فَبَكَتْ فَقُلْتُ لَهَا لِمَ تَبْكِينَ ؟ ثُمَّ أَسَرَّ إِلَيْهَا حَدِيثًا فَضَحِكَتْ . فَقُلْتُ مَا رَأَيْتُ كَالْيَوْمِ فَرَحًا أَقْرَبَ مِنْ حُزْنٍ فَسَأَلْتُهَا عَمَّا قَالَ فَقَالَتْ مَا كُنْتُ لأُفْشِيَ سِرَّ رَسُولِ اللّه صَلَّى اللّهُ عَلَيْهِ وَسَلَّمَ. حَتَّى قُبِضَ النَّبِيُّ صَلَّى اللّهُ عَلَيْهِ وَسَلَّمَ فَسَأَلْتُهَا فَقَالَتْ أَسَرَّ إِلَيَّ إِنَّ جِبْرِيلَ كَانَ يُعَارِضُنِي الْقُرْآنَ كُلَّ سَنَةٍ مَرَّةً وَإِنَّهُ عَارَضَنِي الْعَامَ مَرَّتَيْنِ وَلا أُرَاهُ إِلا حَضَرَ أَجَلِي. وَإِنَّكِ أَوَّلُ أَهْلِ بَيْتِي لَحَاقًا بِي. فَبَكَيْتُ . فَقَالَ : أَمَا تَرْضَيْنَ أَنْ تَكُونِي سَيِّدَةَ نِسَاءِ أَهْلِ الْجَنَّةِ أَوْ نِسَاءِ الْمُؤْمِنِينَ فَضَحِكْتُ لِذَلِكَ)) [رواه البخاري]
މާނައީ: ފާޠިމަތުގެފާނު ވަޑައިގެންނެވިއެވެ. އެކަމަނާގެ ހިންގެވުން ނަބިއްޔާ صلى اللّه عليه وسلم ގެ ހިންގެވުމާ ވަރަށް ވައްތަރެވެ. ފަހެ، ނަބިއްޔާ صلى اللّه عليه وسلم ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ ދަރިކަނބަލުންނަށް މަރުޙަބާއެވެ.” ދެން އެކަލޭގެފާނުގެ ކަނާތްފަރާތުގައި ނުވަތަ ވާތްފަރާތުގައި އެކަމަނާ ބޭންދެވިއެވެ. ދެން އެކަލޭގެފާނު، އެކަމަނާގެ އަރިހުގައި ސިއްރުން އެއްޗެއް ޙަދީޘްކުރެއްވިއެވެ. އެހިނދު އެކަމަނާ ކީރިތި ކުރެއްވިއެވެ. ފަހެ، އެކަމަނާ ކީރިތި ކުރެއްވީ ކީއްވެގެންތޯ ތިމަންކަމަނާ ސުވާލު ކުރެއްވީމެވެ. ދެން އަނެއްކާވެސް އެކަލޭގެފާނު، އެކަމަނާގެ އަރިހުގައި ސިއްރުން އެއްޗެއް ޙަދީޘްކުރެއްވިއެވެ. އެހިނދު އެކަމަނާ ހިނިވަރުނަ ކުރެއްވިއެވެ. ފަހެ އެކަމަނާގެ އަރިހުގައި ތިމަންކަމަނާ ދެންނެވީމެވެ. މިއަދު ފެނުނުފަދައިން މީހަކު ހިތާމަ ކުރުމަށްފަހު އެހާ އަވަހަށް އުފާކުރިތަން މީގެ ކުރިން ތިމަންކަމަނާ ދެކެވަޑާއިނުގަންނަވަމެވެ. ފަހެ، އެކަލޭގެފާނު އެކަމަނާގެ އަރިހުގައި ޙަދީޘްކުރެއްވި އެއްޗަކާ ބެހޭގޮތުން ސުވާލު ކުރެއްވީމެވެ. އެކަމަނާ ދެންނެވިއެވެ. “ރަސޫލުﷲ صلى اللّه عليه وسلم ގެ ސިއްރު، ތިމަންކަމަނާއަށް ފާޅު ނުކުރެވޭނެއެވެ.” ނަބިއްޔާ صلى اللّه عليه وسلم އަވަހާރަވުމުން އެކަމަނާގެ އަރިހުގައި އެކަމާ ބެހޭގޮތުން ތިމަންކަމަނާ ސުވާލުކުރެއްވީމެވެ. ފަހެ އެކަމަނާ ދެންނެވިއެވެ. “ތިމަންކަމަނާގެ އަރިހުގައި އެކަލޭގެފާނު ސިއްރުން ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ޖިބްރީލުގެފާނު ކޮންމެ އަހަރަކު އެއްފަހަރު ތިމަންކަލޭގެފާނަށް ޤުރުއާން ކިޔައިދެއްވައެވެ. މިއަހަރު ދެފަހަރު ކިޔައިދެއްވައިފިއެވެ. އެހެންކަމުން ތިމަންކަލޭގެފާނުގެ އަޖަލު ގާތްވެއްޖެކަމަށް ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަމެވެ. އަދި ތިމަންކަލޭގެފާނުގެ އަހުލު ބައިތުންގެ ތެރެއިން ތިމަންކަލޭގެފާނާ އެންމެ ފުރަތަމަ ބައްދަލުކުރާނީ ކަމަނާއެވެ.” ފަހެ، ތިމަންކަމަނާ ކީރިތި ކުރެއްވީމެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ސުވަރުގޭގެ އަންހެނުންގެ ނުވަތަ މުއުމިން އަންހެނުންގެ ސާހިބާއަށްވުމަށް ކަމަނާ ރުހޭނަން ހެއްޔެވެ.” ފަހެ، އެކަމާ ތިމަންކަމަނާ ހިނިވަރުނަ ކުރެއްވީމެވެ.”
الحسن އަދި الحسين رضي الله عنهما ގެނައުމަށް އެދި ލެއްވިއެވެ. އެދެބޭކަލުން ޙާޟިރުވުމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެ ދެ ބޭކަލުންނަށް ބޮސްދެއްވިއެވެ. އަދި އެދެބޭކަލުން ރަނގަޅަށް ބެލެހެއްޓުމަށް އިލްތިމާސް ކުރެއްވިއެވެ. އެއަށްފަހު އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ނަޞޭޙަތްދެއްވިއެވެ. އެކަލޭގެފާނުގެ އާލާސްކަންޕުޅު އިތުރަށް ބޮޑުވިއެވެ. އެކަލޭގެފާނު عائشة رضي الله عنها އަށް ވިދާޅުވިއެވެ. ”ޚައިބަރުގައި ތިމަންކަލޭގެފާނަށް ދެވުނު ވިހައިގެ އަސަރު އަދިވެސް އެބަ ކުރެވެއެވެ. ތިމަންކަލޭގެފާނާއި މަރު ކައިރިވެއްޖެއެވެ.“
ނަމާދު ޤާއިމު ކުރުމަށް އެކަލޭގެފާނު ވަޞިއްޔަތް ކުރެއްވިއެވެ. އަދި އަޅުންނަށް ކަމޭހިތުމަށް ވަޞިއްޔަތް ކުރެއްވިއެވެ. މި ވަޞިއްޔަތްޕުޅު އެކަލޭގެފާނު އެތަކެއް ފަހަރު ތަކުރާރު ކުރެއްވިއެވެ.
އެ ހިތާމަވެރި ވަގުތު ކޮޅަށް ފަހު ކަންތައް ވެގެން ދިޔަ ގޮތް
ނަބިއްޔާ صلى الله عليه وسلم އަވަހާރަވުމުން އެޚަބަރު މަދީނާގައި ފެތުރުނެވެ. އަދި މީސްތަކުންގެ ތެރެއިން ބައެއްމީހުން އެޚަބަރު ތެދުކުރިއިރު އަނެއް ބަޔަކު އެޚަބަރު ދޮގުކުރިއެވެ. އެވަގުތު އަބޫބަކުރު رضي الله عنه ހުންނެވީ السنح ގައެވެ.އެކަލޭގެފާނަށް އެޚަބަރު ލިބިވަޑައިގަތުމުން ސަވާރީއަށް އަރާވަޑައިގެން ޢާއިޝާ رضي الله عنها ގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. ދެން ފަހެ، އިޛުނަ ހޯއްދަވާ އެތެރެއަށް ވެދެވަޑައިގެންނެވިއިރު ނަބިއްޔާ صلى الله عليه وسلم ގެ ހަށިކޮޅުވަނީ ނިވާކުރައްވާފައެވެ. ފަހެ، އެކަލޭގެފާނު ނަބިއްޔާ صلى الله عليه وسلم ގެ މަތިން އަޅާފައިވާ ފޮތިގަނޑު ކަޝްފުކުރައްވާ އެކަލޭގެފާނަށް ބޮސްދެއްވިއެވެ. އަދި ވިދާޅުވިއެވެ.
“بِأَبِي أَنْتَ وَأُمِّي، طِبْتَ حَيًّا وَمَيِّتًا، وَالَّذِي نَفْسِي بِيَدِهِ لاَ يُذِيقُكَ اللَّهُ المَوْتَتَيْنِ أَبَدًا”
މާނައީ: “ތިމަންކަލޭގެފާނުގެ ބައްޕައާއި މަންމަވެސް ކަލޭގެފާނަށްޓަކައި ފިދާވެގެންވެއެވެ. ދިރިހުންނެވިއިރުވެސް މަރުވުމަށްފަހުގައިވެސް ކަލޭގެފާނު ތިޔަވަނީ ހެޔޮކަމުގައެވެ. ތިމަންކަލޭގެފާނުގެ ނަފްސު އެއިލާހެއްގެ އަތްޕުޅުގައިވާ އިލާހު ގަންދީ ބުނަމެވެ. ﷲ ތަޢާލާ، ކަލޭގެފާނަށް ދެމަރުގެ ރަހަ ނުދައްކަވާ ހުއްޓެވެ.”
ދެން އެއަށްފަހު މީސްތަކުންގެ ތެރެއަށް ނުކުމެވަޑައިގެންނެވިއެވެ. – އެވަގުތު ޢުމަރު رضي الله عنه ހުންނެވީ ނަބިއްޔާ صلى الله عليه وسلم އަވަހާރަވީ ޚަބަރު ދޮގުކުރައްވާށެވެ. – ފަހެ، ﷲ އަށް ޙަމްދު ޘަނާ ކިޔުމަށްފަހު އެކަލޭގެފާނު ވިދާޅުވިއެވެ.
“أَلا مَنْ كَانَ يَعْبُدُ مُحَمَّدًا صَلَّى اللهُ عَلَيْهِ وَسَلَّمَ فَإِنَّ مُحَمَّدًا قَدْ مَاتَ، وَمَنْ كَانَ يَعْبُدُ اللَّهَ فَإِنَّ اللَّهَ حَيٌّ لاَ يَمُوتُ، وَقَالَ: ﴿إِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَ﴾ [سورة الزمر ٣٠]، وَقَالَ: ﴿وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ الرُّسُلُ أَفَإِن مَّاتَ أَوْ قُتِلَ انقَلَبْتُمْ عَلَىٰ أَعْقَابِكُمْ وَمَن يَنقَلِبْ عَلَىٰ عَقِبَيْهِ فَلَن يَضُرَّ اللَّـهَ شَيْئًا وَسَيَجْزِي اللَّـهُ الشَّاكِرِينَ﴾ [سورة آل عمران ١٤٤]”
މާނައީ: “މުޙައްމަދު صلى الله عليه وسلم އަށް އަޅުކަންކުރާމިހާ ދަންނައެވެ. ފަހެ، ހަމަކަށަވަރުން މުޙައްމަދުގެފާނު އަވަހާރަވެއްޖެއެވެ. އަދި ﷲ އަށް އަޅުކަންކުރާމީހާ ދަންނައެވެ. ފަހެ، ހަމަކަށަވަރުން ﷲ އީ އަވަހާރަވުމެއް ނުވާ، ދިރިދެމިވޮޑިގެންވާ އިލާހެވެ. އަދި ކިޔަވާ ވިދާޅުވިއެވެ.﴿إِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَ﴾ [سورة الزمر ٣٠] [މާނައީ: “ހަމަކަށަވަރުން ކަލޭގެފާނީ، އަވަހާރަވާނޭ ބޭކަލެކެވެ. އަދި ހަމަކަށަވަރުން، އެބައިމީހުންނީވެސް މަރުވާނޭ ބަޔެކެވެ.”] އަދި ވިދާޅުވިއެވެ. ﴿وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ الرُّسُلُ أَفَإِن مَّاتَ أَوْ قُتِلَ انقَلَبْتُمْ عَلَىٰ أَعْقَابِكُمْ وَمَن يَنقَلِبْ عَلَىٰ عَقِبَيْهِ فَلَن يَضُرَّ اللَّـهَ شَيْئًا وَسَيَجْزِي اللَّـهُ الشَّاكِرِينَ﴾ [سورة آل عمران ١٤٤] [މާނައީ: “ރަސޫލަކު ކަމުގައި މެނުވީ މުޙައްމަދުގެފާނު ނުވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުގެ ކުރިންވެސް ރަސޫލުން އިސްވެގޮސްފައިވެއެވެ. ފަހެ، އެކަލޭގެފާނު އަވަހާރަވެއްޖެނަމަ ނުވަތަ ޤަތުލުވެއްޖެނަމަ، ތިޔަބައިމީހުން (ކާފިރުވުމަށް) ފަހަތަށް އެނބުރި ގަންނަންވީ ހެއްޔެވެ؟ އަދި ފަހަތަށް އެނބުރިގަންނަ މީހާ ދަންނާށެވެ! ފަހެ، އެމީހަކަށް އެއްވެސް ކަމަކުން ﷲ އަށް ގެއްލުމެއް ނުދެވޭނެއެވެ. ޝުކުރުކުރާ މީހުންނަށް ﷲ ޖަޒާ ދެއްވާނެއެވެ.”]”
ދެން ފަހެ، މީސްތަކުން ހަމަޖެހުނެވެ. އަދި ޢުމަރު رضي الله عنه ވެސް އިށީނދެވަޑައިގެންނެވިއެވެ. ފަހެ، އެކަލޭގެފާނަށް މީގެ ކުރިން އެއާޔަތް އަޑުއިވިފައިނުވާފަދައެވެ.
އޭރު އަންޞާރުން ތިއްބެވީ ސަޢުދު ބުން ޢުބާދާ رضي الله عنه އަށް ބައިޢަތު ހިއްޕެވުމަށްޓަކައި ސަޤީފާ ބަނީ ސާޢިދާއަށް ޖަމާވެގެންނެވެ. އެއީ މަދީނާގެ އަހުލުވެރިން ކަންތައްކޮށް އުޅުނު ގޮތަށް، މުސްލިމުންގެ ކަންތައްތައް ބެލެހެއްޓުމާއި އެބައިމީހުން އެއްބައިވަންތަ ކުރުމަށްޓަކައި، އެބައިމީހުންގެ ތެރެއިން ޚަލީފާއެއް އިޚްތިޔާރުކުރުމަކީ ޟަރޫރީ ކަމެއްކަމުގައި ދެކިވަޑައިގެންނެވެ. އަދި ނަބިއްޔާ صلى الله عليه وسلم އަވަހާރަވުމުން މުހާޖިރުން އެނބުރި މައްކާއަށް ހިނގައިދާނެކަމަށް އެބައިމީހުންނަށް ހީވިކަމުގައިވެސް ވެދާނެއެވެ. އެހެނީ އެބޭކަލުން ހިޖުރަކުރެއްވީ އެކަލޭގެފާނަށް ނަޞްރުދެއްވުމަށްޓަކައެވެ.
މުހާޖިރުންނާމެދު ދަންނައެވެ. އެބޭކަލުންގެ ވިސްނުމުގައި އެފަދަކަމެއް އެވަގުތަކު ނެތެވެ. އެބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން އަވަދިނެތި އުޅުއްވީ ނަބިއްޔާ صلى الله عليه وسلم ފަސްދާނުވެޑުވުމުގެ ކަންކަން ތައްޔާރުކުރުމުގައެވެ. އަދި ބައެއް ބޭކަލުންނަށް ލިބުނު ހިތާމައިގެ ބޮޑުކަމުން އަމިއްލަ ނަފްސުގެ މައްޗަށް އެބޭކަލުންނަށް ބާރު ނުފޯރުވެއެވެ. އަދި ނަބިއްޔާ صلى الله عليه وسلم ފަސްދާނުވެޑުވުމުގެ ކަންކަން ނުނިމޭތީއާއެކު، ޚަލީފައެއް އިޚްތިޔާރު ކުރުމާމެދު ބައެއް ބޭކަލުން އެއްގޮތަކަށްވެސް ނުވިސްނަވައެވެ.
ރެފަރެންސް: الرحيق المختوم
މަސްދަރު: ދިސަލަފިއްޔާ