
މީހުން ޓްރެފިކްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭގޮތަށް ފާސްކޮށްފި
ceL1AvlBLFSI3IkUyAT7pa5ONLEY19euZIzxGiN4
މީހުން ޓްރެފިކްކޮށްގެން ކުރާ ވިޔަފާރިން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މީހުން ޓެރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނަށް ގެނައި މި އިސްލާހު މަޖިލީހުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާޤުންނެވެ.
މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނަށް ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު އިސްލާހު ހުށައެޅުއްވީ އެ ޤާނޫނުގައިވާ ރާއްޖެ ބައިވެރިވެފައިވާ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ޓްރާންސްނޭޝަނަލް އޯގަނައިޒް ކްރައިމް"ގެ ޕްރޮޓޮކޯލްއާ އެއްގޮތް ކުރުމުގެ ގޮތުންނެވެ.
މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކޮށްފައިވަނީ މީހުން ޓްރެފިކް ކުރުމަކީ ކުށެއް ކަމަށެވެ. އަދި ކުޑަކުދިން ޓްރެފިކްކުރުމަކީ ކުށެއްކަމަށާއި، މީހުން ޓްރެފިކްކުރަން އުޅުމަކީ ނުވަތަ ޓްރެފިކް ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެއްކަމަށްވެސް ޤާނޫނުގައި ބަޔާންކުރެއެވެ. މީގެ އިތުރުން މީހުން ޓްރެފިކްކުރަން ރޭވުމަކީ ނުވަތަ އަމުރުކުރުމަކީ ކުށެއް ކަމަށްވެސް ޤާނޫނުގައި ބަޔާންކުރެއެވެ.
ޖީހާން ހުށައެޅުއްވި އިސްލާހު ދިރާސާކޮށް މަޖިލީހުން ފާސްކުރި ރިޕޯޓްގައި ވަނީ މީހުން ޓްރެފިކްކުރުމުގެ ކުށެއް ކުރުމަށް ބޭނުންކުރި އަދި ކުށުގެ އަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަމަށެވެ.
އެ ފައިސާ ދައުލަތަށް ނެގުމުގައި އަމަލު ކުރާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، ގާނޫނުގައި ބަޔާންކުރާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ހާލަތެއްގައި، އެމީހެއްގެ މައްޗަށް މި ގާނޫނުގެ ދަށުން ކަނޑައަޅާ އަދަބެއްގެ އިތުރުން ޓްރެފިކް ކުރެވޭ މީހާއަށް ޓްރެފިކްކުރާ މީހާގެ އަތުން ޝަރީއަތުން ބަދަލު ނަގައިދޭން ވާނެކަމަށްވެސް މަޖިލީހުން ގެނައި އިސްލާހުގައި ބުނެފައިވެއެވެ.
ޓްރެފިކް ކުރެވޭ މީހުންނަށް ލިބޭ ގެއްލުމުގެ ސަބަބުން ބަދަލު ނަގައިދެވޭނެ ބާވަތްތައްވެސް އިސްލާހުގައި ހިމަނާފައިވެއެވެ. އެގޮތުން ބަދަލު ނެގޭނެ ބާވަތްތަކުގެ ތެރޭގައި ޓްރެފިކްކުރެވޭ މީހާއަށް ލިބެންޖެހޭ އުޖޫރައާއި ސިއްހީ ގޮތުން ލިބޭ ގެއްލުންތަކާއި ގާނޫނާ ޚިލާފަށް އެމްޕްލޯއިމަންޓް އޭޖެންސީ ނުވަތަ ރެކްރޫޓްމަންޓް އޭޖެންސީއަކަށް ދައްކާފައިވާ ފީ ވަނީ ހިމަނައިފައެވެ. އަދި ބަދަލު ނަގައި ދިނުމުގައި، ޓްރެފިކު ކުރެވޭ މީހާއަށް ނަގައިދޭނީ، ކޮން ބާވަތެއްގެ ބަދަލެއް، ކިހާ މިންވަރަކަށްކަން ކަނޑައަޅާނީ، މި މާއްދާއާ ހަވާލާދީ ކޯޓުން ކަމަށް ވެސް މަޖިލީހުން ފާސްކުރި އިޞްލާހުގައިވެއެވެ.