
9/11އަށް 20 އަހަރު ފުރޭ ދުވަހާއި ދިމާކޮށް އެމެރިކާ ސިފައިން އަފްގާނިސްތާނުން ބާލަނީ
image
އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން އެޤައުމުން ބޭލުން ފަސްކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ނިންމައިފިއެވެ.

ބައިނަލަގްވާމީ މީޑިއާތަށް ބުނާގޮތުން އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުން ފަސް ކުރުމަށް ނިންމާފައި ވަނީ، އެމެރިކާގައި ހުރި ވޯލްޑް ޓްރޭޑް ސެންޓަރަށް ޙަމަލާދީ ބިމާއި ހަމަކޮށްލި ޙާސިދާއަށް 20 އަހަރު ފުރޭ ދުވަހާއި ދިމާކޮށް ސިފައިން ބޭލުމަށްޓަކައެވެ. މީގެ ކުރިން ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމަށް ފެށުމަށް ހަމަޖެހިފައި އޮތީ އަންނަ މޭއި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާ ސިފައިން ބޭލުމުގެ މަސައްކަތް، ސެޕްޓެމްބަރު 11 އާއި ދިމާކޮށް ފެށުމަށް ބައިޑެން ނިންމެވީ، އެފަދަ ނިރުބަވެރި ޙަމަލާއެއް ތަކުރާރުވިޔަ ނުދިނުމަށް، އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ޖަމާޢަތްތަކަށް އަންގައި ދިނުމުގެ ގޮތުންނެވެ.
ނަމަވެސް މި މަސައްކަތް ފެށިނަމަވެސް އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެކި މަރުޙަލާތަކަށް ބަހައިގެންނެވެ.
މިވަގުތު އަފްޣާނިސްތާނުގައި އެމެރިކާގެ 2500 އެއްހައި ސިފައިން ޙަރަކާތްތެރިވަމުން ދެއެވެ. އަދި މީގެ ކުރިން އަފްޣާނިސްތާނުގެ އެކި ސަރަޙައްދުތަކުގައި އެމެރިކާގެ ސަމާލަތީ ބާރުތަކުން ގިނަ އޮޕަރޭޝަންތައް ހިންގައި ނިރުބަވެރި ޖަމާޢަތްތަކާއި ހަނގުރާމަވެސް ކޮށްފައި ވެއެވެ.
އަފްޣާނިސްތާނަށް އެމެރިކާ ސިފައިން އެންމެ ފުރަތަމަ ފޮނުވާފައި ވަނީ ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި 2001 ވަނަ އަހަރު އެވެ. އެޤައުމުގެ ސިފައިން އަފްޣާނިސްތާނަށް ފޮނުވާފައި ވަނީ އެ އަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހު އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރު ގޮއްވާލި ހާދިސާ އާއި ގުޅިގެން ނިރުބަވެރިން ހުއްޓުވުމަށް ކަމަށް ބުނެއެވެ. އޭގެފަހުން އެމެރިކާގެ ގިނަ ޢަދަދެއްގެ ސިފައިން އަފްޣާނިސްތާނުގެ އެކި ސަރަޙައްދުތަކުގައި އަސްކަރީ މަރުކަޒުތައް ޤާއިމްކޮށް ޙަރަކާތްތެރިވަމުން ދެއެވެ.