ފްލޮރެންޓީނޯ ޕެރޭޒް އިތުރު ދައުރަކަށް އިންތިހާބުވެއްޖެ

ފުޓްބޯޅަގައި ގަދަބާރު ސްޕެއިން ރެއާލް މެޑްރިޑްގެ މިހާރު ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެ ކުލަބްގެ އިތުރު ދައުރަކަށް އިންތިހާބުވެއްޖެ އެވެ.

2009 ވަނަ އަހަރުން ފެށިގެން ރެއާލްގެ ރައީސްގެ މަގާމު ފުރައްވަމުން އަންނަ ޕެރޭޒް މިފަހަރު އިންތިހާބުވީ އެހެން ފަހަރުތަކެކޭ އެއްގޮތަށް އޭނާއާއި ވާދަކުރައްވާނެ  އިދިކޮޅު ކެންޑިޑޭޓަކު ނެތި އެވެ. ރެއާލުން މިއަދު އިއުލާނުކުރި ގޮތުގައި  އުމުރުން 74 އަހަރުގެ ޕެރޭޒް އިތުރު ދައުރަކަށް ރައީސަކަށް އިންތިހާބުވެފައިވަނީ  އިންތިހާބުގައި ވާދަކުރައްވަން ކެންޑިޑެސީ ފޯމު ހުށަހަޅަން ކަނޑައެޅި މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން ވާދަކުރަން ނިންމައި އެކަމުގެ ލިޔެކިޔުންތައް ހުށަހަޅައިފައި ނުވާތީއެވެ.

ކްލަބްގެ އަސާސީ ގަވާއިދު ބުނާގޮތުން ލިޔެކިޔުން ހުށަހަޅަން ކަނޑައަޅާފައިވާ މުއްދަތު ހަަމަވާއިރު، އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާނަމަ އެ ކެންޑިޑޭޓަކީ އެ ވަގުތު ވެސް ކްލަބްގެ ރައީސް ނަމަ އޮޓޮމެޓިކަލީ އޭނާއަށް އިތުރު ދައުރެއް ލިބޭނެއެވެ.

ކޮވިޑް-19ގެ ސަބަބުން ރެއާލްގެ އާމްދަނީ އަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާއިރު, ކްލަބްގެ ސްޓޭޑިއަމް ސަންޓިއާގޯ ބާނަބާއު ތަރައްގީކުރަން ނަގާފައިވާ ލޯންގެ ސަބަބުން މި ވަގުތު ރެއާލަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަންނަން އިތުރު ގޮންޖެހުންތަކެއް އެބަހުއްޓެވެ. އަދި ވާދަވެރި އެހެން ކްލަބްތަކުން ޓްރާންސްފާ މާކެޓްގައި ކުޅުންތެރިންނަށް އިންވެސްޓްކުރަން ތައްޔާރުވަމުން އަންނައިރު, މި ވަގުތު ކްލަބްގެ ދަރަނިތައް ހުރިގޮތުން ރެއާލުން އާ ކުޅުންތެރިންނަށް މާ ބޮޑު އިންވެސްޓެއް ކުރުމުގެ ފުރުސަތު ކުޑަ އެވެ. ނަމަވެސް ރެއާލުން އަންނަނީ އަންނަ ޓްރާންސްފާ މާކެޓުގައި ގިނަ ކުޅުންތެރިންތަކެއް ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ . އެހެންވެ މިއީ ރެއާލަށް އާ ލީޑަޝިޕެއްގެ މުހިއްމުކަން ބޮޑުވެފައިވާ ވަގުތެއް ކަމަށް ކްލަބްގެ ބައެއް އާންމު މެމްބަރުންނާއި ކުރިގެ ރައީސުން ވެސް ގަބޫލުކުރެ އެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް