1442 ވަނަ އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް، ރަމަޞާން މުބާރިކް
އަންނަ އަންގާރަ ދުވަހަކީ ހިޖުރީ ގޮތުން 1442 ވަނަ އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ ރޯދަ މަހުގެ ހަނދު ސާބިތު ކުރަން މިރޭ ބޭއްވި ޖަލްސާއަށް ފަހު އިއްވެވި ހަނދާބެހޭ ގަރާރުގައެވެ.
ހަނދާއި ބެހޭ ގަރާރުގައި ބުނެފައި ވަނީ ރާއްޖޭގެ އެއްވެސް ތަނަކަށް މިރޭ ރަމަޟާންމަހުގެ ހަނދު ފެނިފައި ނުވާ ކަމަށާއި އަދި އިސްލާމީ އެއްވެސް ޤައުމަކަށްވެސް ހަނދު ސާބިތުވެއްޖެކަމުގެ ޚަބަރު ރަސްމީގޮތުން ލިބިފައި ނުވާކަމަށެވެ.
އެހެންކަމުން ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދު ބެލުމުގައި ރާއްޖޭގައި އަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތީން މާދަމާ އަކީ މިހިނގާ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމުގައި ކަނޑައަޅައި، މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ އަންގާރަ ދުވަސްކަމުގައި ކަނޑައަޅާފައިވާ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެއެވެ.