
268607_3_a455b0ef579d71cb62662505a5feae5334a7e959_large
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ސިޓީ އިން އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީ އަކީ ޕާޓީގެ ލީޑަޝިޕްގެ ފެއިލްވުމެއް ކަމަށް، އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބަލި ގަބޫލު ކުރެއްވުމަށް އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕާޓީގެ އިސްވެރިން ފެއިލްވެއްޖެކަން ގަބޫލު ކުރައްވަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ތަފްސީލަށް ވަޑައިނުގެން ނަޝީދު ވަނީ އެކަން ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
އެއީ ލީޑަޝިޕްގެ ފެއިލްވުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން، ނޫސްވެރިޔާ އެކަމުގެ ޒިންމާ ނަންގަވާނަންތޯ ސުވާލު ކުރެއްވުމުން ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ މާލެއިން ލިބުނު ނާކާމިޔާބާ މެދު އެމްޑީޕީން ވިސްނާނެ ކަމަށެވެ. އަދި ދެން ކުރަން ޖެހޭ ކަންކަން ވެސް އެމްޑީޕީން ކުރާނެ ކަމަށެވެ.
"ދެން އެމްޑީޕީގެ ލީޑާޝިޕް ތިޔަ ވިދާޅުވަނީ އަޅުގަނޑަށްތޯ، ރައީސުލްޖުމްހޫރިއްޔާއަށް ތޯ، ނައިބު ރައީސަށްތޯ، ޗެއާ ޕާސަން އަށް ތޯ. އަޅުގަނޑުމެން އެންމެން ވެސް މިކަމާ ޒިންމާ ވާން ޖެހޭނެ. އަޅުގަނޑުމެން އެންމެންގެ އިހުމާލުން މި ޕާޓީގައި ނާކާމިޔާބީއެއް ވިއްޔާ ވާނީ، ކާމިޔާބެއް ވިއްޔާ ވާނީ އަޅުގަނޑުމެން އެންމެން އެކަމާ އުޅެގެން،" އެމަނިކުފާނު ވިދާޅުވި އެވެ.
އިންތިހާބުން ބަލިވުމުގެ ފަހަތުގައި އެމަނިކުފާނުގެ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްސަލަ ވެސް އުޅުއްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޖެހޭނީ އިށީންދެފަ ބަލާލަން، ކިހިނެއްތޯ މި ވީ. އަޅުގަނޑުގެ ކުށަކީ ކޮބައިތޯ؟ ރައީސް ސޯލިހުގެ ކުށަކީ ކޮބައިތޯ؟ މިހާރު ކުށް، އަޅުގަނޑުމެން ދެ މީހުންގެ ތެރޭގައި އުޅެންޖެހޭނެ. އެއަކު އެއްވެސް ޝައްކެއް ނެތް. ދެން އަޅުގަނޑުމެންގެ ސިޔާސީ ހަޔާތް ވަޅުލާވަރުގެ ކުށެއްތޯ އެއީ. އެކަން ރާއްޖޭގެ ރައްޔިތުން ނިންމަމުން ގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.
އެކަމަކު، އިންތިހާބުގެ ނަތީޖާގެ މާނަ އާއި ސަބަބުތައް އެނގޭނީ ފަހުން ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ.
"ބަލިވާ ދުވަހު ވަރަށް ގިނަ އިނގިލި ދިށްވާނެ. ދެން އެކަމާ އަޅުގަނޑުމެން މަޑުމައިތިރިކަމާއެކު ވިސްނާލަންޖެހޭނީ، ކިހިނެއް ވެގެންތޯ އަޅުގަނޑުމެން އެދުނު ކާމިޔާބީ އަޅުގަނޑުމެންނަށް ނުލިބުނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން އެންޓި ކެމްޕެއިން ކުރެއްވި ކަމަށް ވެސް ނަޝީދު އިއުތިރާފްވެވަޑައިގެންނެވި އެވެ.
ނަމަވެސް އެމްޑީޕީއަށް އެންޓި ކެމްޕެއިން ކުރަން ނުކެރޭ ކަމަށާއި ދޭތެރެއަކުން އެއްޗެއް ބުނުމަށް ފަހު ވެސް އޭގެ އަސްލު "ފުންމިނަށް" ނުދެވޭ ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރަނގަޅަށް އެންޓި ކެމްޕެއިން ކުރެވުނު ނަމަ އޭގެ ނަތީޖާ ފެނުނީސް ކަމަށެވެ.