
3707E71D-CD1A-499F-BA04-61D542B28230
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފަހަކަށް އައިސް ގިނަ މެޗުތަކަށް ފަހު ރެފްރީންގެ ނިންމުންތަކާ މެދު ކޯޗުންނާއި ކްލަބްތަކުގެ އޮފިޝަލުން ކުރަމުން އަންނަ ޝަކުވާތަކުގެ އަޑުއަހައި ވަގުތީ ގޮތުން ބިދޭސީ ރެފްރީން ގެންނަން އެފްއޭއެމުން ނިންމައިފި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި ގޮތުގައި ފަހަކަށް އައިސް ކުޅޭ މެޗުތަކުގައި ރެފްރީން ނިންމާ ނިންމުންތަކާއި މެދު ވަރަށް ގިނަ ކުލަބްތަކުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި މިކަމަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮތުން އަނެއްކާވެސް ބިދޭސީ ރެފްރީން ގެންނަން ނިންމާފައިވާ ކަމަށްވެސް ބައްސާމް ވިދާޅުވި އެވެ.
އެހެންވެ އަޅުގަނޑުމެންގެ ވިސްނުމަކަށް ވީ މި ވަގުތަށް ވަގުތީ ހައްލެއްގެ ގޮތުގައި ބޭރު ރެފްރީން އަލުން ގެނެވިގެންދާނެ," ބައްސާމް ވިދާޅުވި އެވެ.
މި ފަަހަރު ލީގު ފެށިއިރު, އެފްއޭއެމުން ވަނީ މެލޭޝިއާގެ ތިން ރެފްރީންނާއި ސިންގަޕޫރުގެ ރެފްރީއެއް ބޭނުންކޮށްފަ އެވެ. ނަމަވެސް އެދުވަސްވަރު މާލޭގައި ކޮވިޑްގެ ކޭސްތައް އަނެއްކާ ވެސް ގިނަވާތީ ފެބްރުއަރީ ތިން ވަނަ ދުވަހު ލީގު މެދުކަނޑާލަން ޖެހުމުން އެ ރެފްރީންތައް ފޮނުވާލީ އެވެ. މިދިޔަ މަހުގެ 26 ވަނަ ދުވަހު ލީގުގެ ކުޅުން އަލުން ފެށި ފަހުން މިހާތަނަށް ބޭނުންކުރަމުން އަންނަނީ ދިވެހި ރެފްރީންނެވެ.
މިފަހަރު ބިދޭސީ ރެފްރީންގެ ގޮތުގައި ދެން ގެންނަން ހަމަޖެހިފައި އޮތީ މެލޭޝިއާގެ ދެ ރެފްރީންނާއި އިންޑޮނީޝިއާގެ ދެ ރެފްރީންނެވެ. އަންނަ ހަފްތާ ތެރޭގައި އެ ރެފްރީންތައް އަންނަން ފަށާނެއެވެ.