
ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ފަށައިފި
DSC_0271
ގދ ތިނަދޫގައި ހުންނަ ހުވަދު އަތޮޅުގެ މައި ހޮސްޕިޓަލް، ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ހިދުމަތް ފަށައިފި އެވެ.

އަންގާރަ ދުވަހު ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓް ރަސްމީކޮށް ހުޅުއްވައި ދެއްވީ މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޤުނީ އާއި ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދް އެވެ.
މި ސެންޓަރު ހުޅުވުމަށްފަހު މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް ވަނީ މި ސެންޓަރު ބައްލަވަލައްވައި މި ޑިޕާޓްމެންޓުގައި މަސައްކަތް ކުރާ މުވައްޒިފުންނާއިވެސް ބައްދަލު ކުރައްވާފައި އެވެ.
ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އެންމެ ފުރަތަމަ ހަދައިދީފައި ވަނީ ގިނަ ފްރެކްޗަރ ތަކެއް ހުރި ބަލިމީހެއްގެ ކަށީގެ ސްކޭނެކެވެ.
ހުވަދު އަތޮޅުގެ ގިނަ ބަޔަކު ހިދުމަތް ހޯދާ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ފަށާފައިވަނީ 2 ރޭޑީއޯ ގްރާފުންނާއި 2 ރޭޑިއޯލޮޖިސްޓުންނާއި އެކުގައިއެވެ.