
ސަރުކާރުގެ އެއްވެސް އޯގާތެރިކަމެއް ހުރިނަމަރޯދަ މަހަށް ރައީސް ޔާމީން ގެއަށް ފޮނުވައި ދެއްވާނެ: ޑރ ވަހީދު
627568623
މި ސަރުކާރުގެ އެއްވެސް އޯގާތެރިކަމެއް އަދި އިހުސާންތެރި ކަމެއް ހުރިނަމަ މި ރޯދަ މަހަށް ރައީސް ޔާމީން ގެއަށް ފޮނުވައި ދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ރައީސް ވަހީދު ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލެއްވީ ނުހައްގު ޝަރީއަތަކުން ކަމަށެވެ. އެމަނިކުފާނު މިނިވަން ކުރައްވަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ސަރުކާރުގެ އެއްވެސް އޯގާތެރިކަމެއް އަދި އިހުސާންތެރި ކަމެއް ހުރިނަމަ މި ރޯދަ މަހަށް ރައީސް ޔާމީން ގެއަށް ފޮނުވައި ދެއްވާނެ ކަމަށެވެ.
"އަޅުގަނޑު އުންމީދު ކުރަން މި ސަރުކާރުގެ އެއްވެސް ކަހަލަ އޯގާތެރިކަމެއް، އިހުސާންތެރިކަމެއް ހުރިކަމުގައި ވަންޏާ އެމަނިކުފާނު މި ރޯދަ މަހު ގެއަށް ފޮނުވައި ދެއްވާނެ ކަމަށް،" ވަހީދު ވިދާޅުވި އެވެ.
ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 487 ދުވަސް ވަނީ ވެފައެވެ. މި މަހުގެ 13 ވަނަ ދުވަހު ފެށޭ ރޯދަ މަހަކީ އެމަނިކުފާނު ޖަލުގައި ހުންނަވަނިކޮށް އަންނަ ދެވަނަ ރޯދަ މަހެވެ. ރައީސް ޔާމީން އަބްދުލް ގައްޔޫމް ގެއަށް ބަދަލު ކޮށްދިނުމަށް އާއިލާގެ ފަރާތުން އެދިފައިވާ ކަމަށް ހޯމް މިނިސްޓްރީން މިިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ ބުނެފަ އެވެ. ރައީސް ޔާމީން ގެއަށް ބަދަލު ކޮށް ދިނުމަށް އެދި ހޯމް މިނިސްޓްރީއަށް ހުށަހަޅާފައި ވަނީ އެމަނިކުފާނުގެ ފަރާތްޕުޅުން ސިއްހީ އެއްވެސް އެހީތެރި ކަމަކަށް އެދިފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދި އިދިކޮޅު ކޯލިޝަނުން ވެސް ވަނީ މީގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ބައްދަލު ކުރައްވާފަ އެވެ.
ހޯމް މިނިސްޓަރު ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް ޑޮކްޓަރުން ދެއްވާފައިވާ ޓެސްޓްތައް ރާއްޖެއިން ހެދެން ނެތުމުން ރާއްޖެއިން ބޭރަށް ވަޑައިގެން އެ ޓެސްޓްތައް ހެއްދެވުމަށް ދެންނެވި ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ބޭރަށް ވަޑައިގެންފައެއް ނުވެ އެވެ