
ގއ. ރިބިދޫ ޖާބިރުއާއި ހަވާލު ކުރުމަށް ދައުލަތުގެ މައްޗަށް އަމުރު ނެރެނުދިން
400
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރުއާއި ގއ. ރިބިދޫ ހަވާލު ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީސް މެރިންރިސޯސަސް އެންޑް އެގްރީކަލްޗާ (ދައުލަތު) ގެ މައްޗަށް އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ޖާބިރުގެ އަތުން ގއ. ރިބިދޫ ވަކި ކުރި މައްސަލައިގައި، އެއްބަސްވުމެއްގެ ދަށުން އެރަށް ޖާބިރަށް ވަރުވާއަށް ލިޔެދީ، އެރަށުގެ ވަރުވާގެ ގޮތުގައި ޖާބިރު ދައްކަން ޖެހޭ ފައިސާ ދައްކަމުން ދަނިކޮށް، އެ ރަށުގެ އެއްބަސްވުން ބާތިލު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތި، އެ ރަށުގެ އެއްބަސްވުން ސަރުކާރުން ބާތިލު ކޮށްފައި ވަނީ، ކޮންޓްރެކްޓާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ބުނެ ޖާބިރު ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައި އެވެ.
މި މައްސަލަ ބަލައި ސިވިލްކޯޓުން ކުރި ހުކުމްގައި ވަނީ، ދައުވާ ކުރާ ޖާބިރުގެ ކިބައިން ގއ ރިބިދޫ ވަކިކޮށްފައި ވަނީ ފަޅުރަށްރަށާ ބެހޭ ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) ގެދަށުން އެރަށް ވަކިކުރި ތާރީހާ ހަމައަށް ދައްކަން ޖެހޭ ވަރުވާގެ އިތުރަށް، ވަރުވާގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކާފައިވާނަމަ، އެ ފައިސާ އާއި އެރަށުގެ ދެ އަހަރު ދުވަހުގެ ވަރުވާއަށް ފައިސާ ލިބެވޭ ގޮތަށް، އެގްރީމެންޓުގެ އަށްވަނަ މާއްދާގައި ވާ ގޮތުގެމަތީންކަން އެނގެން އޮންނަ ކަމަށެވެ.
އޭގެ އިތުރުން ދައުވާ ކުރާ ފަރާތުން ޖާބިރުގެ ކިބައިން ރިބިދޫ ވަކި ކުރުމުގައި ކޮންޓްރެކްޓާ ބެހޭ ގާނޫނާ ހިލާފަށް ދައުލަތުން އަމަލުކޮށްފައިވާ ކަމަށް ދައުވާ ކުރާ ފަރާތުން ބުނާ ބުނުން ފިޔަވައި އެކަން ދައުވާކުރާ ފަރާތަށް ޝަރީއަތުގައި ބުނެދެވިފައި ނުވާތީ މިދައުވާގައި، ދައުވާ ކުރާ ފަރާތުން އެދުނު ފަދަ އަމުރެއް ޝަރީއަތުން ނެރެދެވެން ނެތް ކަމަށް ކަނޑައަޅައި ހުކުމްކުރާ ކަމަށްވެސް ހުކުމްގައި ވެއެވެ.
ޖާބިރު މި މައްސަލައިގައި އެދިފައި ވަނީ، ރިބިދޫ މިހާރުވެސް އެއްވެސް ފަރާތަކަށް ކުއްޔަށް، ނުވަތަ އެހެން ގޮތަކުން ވިޔަސް ދީފައި ނުވާތީ، އެ ރަށާ ގުޅޭ ގޮތުން ޖާބިރާއި، މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރީކަލްޗަރާ ދެމެދު އާ އެގްރީމެންޓެއްގައި ސޮއިކޮށްގެން ނަމަވެސް، އަލުން އެރަށް ޖާބިރާ ހަވާލު ކުރުމަށް އެގްރިކަލްޗާ މިނިސްޓްރީ (ދައުލަތު)ގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.