
294349_3_a4fd39e7be39291d3aa0d083e69bcfab0bb528e5_large
އައިސޮލޭޝަން ނުވަތަ ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާ މަރުކަޒަށް ހާޒިރުވުމަށް ހުއްދަ ހޯދާންޖެހޭ ފަރާތަކުން ހުއްދަ ހޯދައި، ވޯޓުލާ މަރުކަޒަށް ހާޒިރުވުމަކީ އެ މީހެއްގެ އަމިއްލަ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަން ގެ އުސޫލުގައި ބުނެފިއެވެ.

އެ އުސޫލުގައި ބުނެފައި ވަނީ ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންނާއި، ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން، 2021 އެޕްރީލް 10 ވަނަ ދުވަހުގެ ނިޔަލަށް އައިސޮލޭޝަނުން ނުވަތަ ކަރަންޓީނުން ނުވީއްލޭ ފަރާތްތަކާ ބެހޭ މަޢުލޫމާތު، 2021 އެޕްރީލް 8 ވަނަ ދުވަހުގެ ރޭ 20:00 ގެ ކުރީން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން، އިލެކްޝަންސް ކޮމިޝަނަށް ދޭންވާނެކަމަށެވެ.
އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން ވޯޓުލާން ބޭނުންވާ މީހުން، ވޯޓުލުން ނިންމުމުގެ ފަސްގަޑިއިރުގެ ކުރިން، އެ މީހަކު ވޯޓުލާން ބޭނުންވާކަމުގެ މަޢުލޫމާތު، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ރަށު ޓާސްކްފޯސް މެދުވެރިކޮށް، އީސީއިން އައްޔަންކޮށްފައިވާ ފޯކަލް ޕޮއިންޓަށް އަންގާންވާނެ ކަމަށް އުސޫލުގައި ބުނެއެވެ. މާލޭ ސަރަޙައްދުގައި ނަމަ، އެފަދަ މީހުންގެ މަޢުލޫމާތު، ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް އަންގާނީ، މާލޭގައި ހުންނަ އިލެކްޝަންސް ކޯޑިނޭޝަން ސެންޓަރު މެދުވެރިކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީންނެވެ.
އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓުލުމަށް ފުރުޞަތު ދޭންވާނީ، އެ ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ކިޔޫ ބަންދުކުރާ ގަޑިއާ ހަމަޔަށް ކިޔޫގައި ތިބޭ މީހުން ވޯޓުލާ ނިމުމުންނެވެ.
ފަައްސިވެ އެކަހެރިކޮށްފައިވާ މީހުންނާއި، ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ހަރަކާތްތެރިވާނެ އޮފިޝަލުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭނެ ގޮތްތަކެއް ވެސް އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.
އުސޫލުގައި ބުނެފައިވާ ގޮތުގައި އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުން މަރުކަޒަށް ވެއްދުމުގެ ކުރިން ސެނިޓައިޒް ކުރަން ޖެހޭނެއެވެ. އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ހުންނަ މީހަކު މަރުކަޒަށް ވައްދާއިރު، ދެންތިބި އޮފިޝަލުން ތިބީ ހަފޫޓު ދުރުމިނުގައިކަން ކަށަވަރުކުރަން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުނެއެވެ.
އަދި އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުން، ވޯޓުލާ މަރުކަޒުގައި ބޭނުންކުރާ އެއްވެސް އެއްޗެއްގައްޔާއި އެއްވެސް ތަނެއްގައި އަތްނުލަން ވެސް އުސޫލުގައި ވަނީ ބުނެފައެވެ.