މާލެ ސިޓީއަކީ ދިރިއުޅުމެއް ނޫނެވެ!

ދިވެހިރާއްޖޭގެ ވެރިރަށް ކަމުގައިވާ މާލެސިޓީއަކީ ދިވެހރާއްޖޭގެ ރައްޔިތުން ބޭނުންވާ އެންމެހާ ކަންތައްތަށް އެއްތަނަކުން އުނދަގޫކަމާއި އެކުވެސް ވެވެން ހުރި ހަމައެކަނި ތަނެވެ. އެކަމަކީ ވަޒީފާވިޔަސް، ދަރިންނަަށް ބޭނުންވާ ރަނގަޅު ތައުލީމެއްވިޔަސް އަދި ބޭސްފަރުވާ ކުރުން ވިޔަސްމެއެވެ. ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔެއްވަރު އެ ކުޑަ، ކޮންކިރީޓް ޖަންގައްޔެއް ފަދަ ރަށުގައި އުޅެމުންދާއިރު ވިސްނާލަންވީ ކަމަކީ، އެ ކުޑަ ކުޑަ ސިޓީގައި ތޮއްޖެހިގެން ދިވެހި ރައްޔިތުން ދިރިއުޅެނީ ހަމަ އަސްލުވެސް ދިރިއުޅެން ބޭނުންވެގެން ބާވައެވެ؟ މިއީ ހަމަ އަސްލުވެސް ދިރިއުޅުން ބިނާކުރަން އެންމެ ފަހި ގޮތް ބާވައެވެ.

ދިވެހިރާއްޖޭގެ ތާރީޙުންވެސް ހެކިދޭ އެއްކަން އެބައޮތެވެ. ތަރައްޤީ އަބަދުވެސް އޮންނާނީ މާލޭ ސަރަހައްދަށެވެ. އެއީ ގެދޮރުވެރިކަން ވިޔަސް، ބޭސްފަރުވާ ކުރަންވިޔަސް މެއެވެ. އާބާދީގެ ގޮތުން އެހެން އަތޮޅުތަކާއި ރަށްތަކަށް ވުރެ ގިނަވީމަ ކަމަށް ވެދާނެއެވެ. ކޮންމެ ސަރުކާރަކުންވެސް ބޮޑަށް ބަލަނީ މާލޭ ސަރަޙައްދު ނުވަތަ މާލެ ކުރިއަރުވުމަށެވެ. މާލޭ ރީޖަންއެއްގެ ގޮތުގައި ހުޅުމާލެ ހިމެނޭއިރު، ހުޅުމާލޭގައިވެސް އެތަކެއް ފްލެޓް ތަކެއް އަޅައި، އެއްފަސްކުރުމުގެ ނިޒާމުގެ ދަށުން، ހަމަ މާލެ ސަރަހައްދަށް ރައްޔިތުން ގިނަކޮށް ހެދިއެވެ. އަދިވެސް ކަންއޮތީ އެހެންނެވެ. މާލޭގެ ތޮށްޖެހުން މަދުކުރުމަށް މާ އެދެވޭ މަސައްކަތްތަކެއް އެއްވެސް އިރަކު ނުފެނުނު ހާލުގައި، އަދިވެސް މާލޭގެ ތޮއްޖެހުން ދަނީ އިތުރުކުރަމުންނެވެ. ހާހުން ފްލެޓް އަޅައި، ރާއްޖެތެރޭގައި ތިބި ރައްޔިތުންނަށް ވެސް މާލެ އައުމަށް އިތުރަށް ހަމަ ހުޅުވެނީއެވެ.

ދިވެހިރާއްޖޭގެ ރަށްތަކަކީ ލާމަރުކަޒީ ޤާނޫނުގެ ދަށުން، ވަކި ވަކި ކައުންސިލްތަކެއްގެ މައްޗަށް ހެދިފައިވާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ޤައުމެކެވެ. އެ ނިޒާމުގެ ދަށުން މަރުކަޒީ ސަރުކާރާ ރަށްރަށް ގުޅުވައިދެނީ ރަށްރަށުގެ ލާމަރުކަޒީ ކައުންސިލްތައް މެދުވެރިވެގެނެވެ. މިފަދަ ނިޒާމެއް އުފެއްދުމުގެ އެންމެ މައިގަނޑު ސަބަބަކީވެސް، ރަށްތަކުގެ ކުރިއެރުން ގެނައުމަށްޓަކައި އެރަށްތަކުން ވަކި ހާއްސަ ބަޔަކު ސަރުކާރާ އެކު މަޝްވަރާކޮށް މަސައްކަތްކުރުމެވެ. ނަމަވެސް، ބަލާލި ކޮންމެ ދިމާލަކުންވެސް ފެނިގެންދަނީ، މި ކައުންސިލްތަކުންވެސް އެބައެއްގެ ޒިންމާތަކުގައި ފަރުވާ ކުޑަ ކޮށްލެވޭތަނެވެ. ރަށްތަކުގެ ސްކޫލްތަކުގެ ކިޔެވުންތަށް މެދުކެނޑެނީއެވެ. ރަށުގައި ތިބި ދަރިވަރުން ކިޔަވަން މާލެ ބަދަލުވުމުގެ ސަބަބުން ސްކޫލްތަކަށް ހާޟިރުވާނެ ދަރިވަރުން ނެތިގެންނެވެ. މާބަނޑު މީހަކު ގޮވައިގެން ހޮސްޕިޓަލްއަށް ގޮސްފިނަމަ ފަރުވާ ހޯދޭނެ ގޮތެއް ނުހުރެއެވެ. އެންމެ ފަހުން ޖެހެނީ މާބަނޑުމީހާ ވިއްސަން ބަލިދާނުގައި މާލެ ގެންނާށެވެ. މިފަދަ މައްސަލަތަކަކީ ހަމައެކަނި ކައުންސިލްތަކަށް ހައްލުކުރުމަށް ކުރެވޭނެ ކަމަކަށްނުވިޔަސް، އެފަދަ މައްސަލަތަކަކީ ކައުންސިލްތަކުން މައި ސަރުކާރާއި އެއްކޮށް މަޝްވަރާކޮށް، ހައްލު ހޯދަން މަަސައްކަތްކުރެވޭނެ ފަދަ ކަންކަމެވެ. ނަމަވެސް މިއަދުވެސް ދިވެހިރާއްޖޭގެ އެތަކެއް ރަށްތަކުގައި މިކަންކަން އޮތީ މިހެންނެވެ. އެންމެ އާދައިގެ އޮޕަރޭޝަންނެއް ކުރުމަށްވެސް ބައެއް ފަހަރު އުނދަގުލެވެ. ވަޒީފާގެ ދަތިކަން އެހާމެ ބޮޑެވެ. މަތީ ތައުލީމު ހާސިލްކޮށްގެން ގިނަފަހަރު ރަށަށް ކޮށްދެވޭނެ ހިދުމަތެއްވެސް ނޯވެއެވެ.

މާލެއަކީ މިފަދަ ހުރިހާ ކަންކަމެއް ފަހިވެފައިވާ ތަނެކެވެ. ވަޒީފާވެސް، ބޭސްފަރުވާ ކުރަަންވިޔަސް މެއެވެ. ތައުލީމީ ގޮތުންވެސް މެއެވެ. މިފަދަ ކަންކަން މިހެން ހުރިނަމަވެސް، މާލެއަކީ ދިރިއުޅެން އަރާމު ތަނެއްކަމަށް ގަބޫލުކުރާނީ ވަރަށްވެސް މަދު މީހެކެވެ. އެހެންނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ތައުލީމް ހާސިލްކޮށް، ވަޒީފާއެއް ލިބެނީ އެހާ ހާލުން މަސައްކަތްކޮށްގެންނެވެ. އެހާ ހާލުން ލިބުނު ވަޒީފާ އިން ލިބޭ މުސާރަ އެއްކޮށް އެކި ޙަރަދުތަކަށެވެ. އެންމެ ބޮޑު ކަމަކަށް ގޭގެ ކުއްޔަށެވެ. އަނގަޔާއި އަތާ ދިމާވަނީ ވަރަށްވެސް މަދުފަހަރަކުއެވެ. ނޫނީ ގިނަފަހަރު ނުވެއެވެ. ހިތްފަސޭހަކޮށްލަން ނުކުމެލާނޭ ޕާކުތަކާއި މައިޒާންތަށް ހުރިނަމަވެސް، އެތަންތަން ވެސް އޮންނަނީ ތޮއްޖެހި ބާރުވެފައެވެ. ހޮސްޕިޓަލަކަށް ދިޔަޔަސް، މަގުމައްޗަށް ނުކުތަސް އެހާމެ ބާރުބޮޑެވެ. ދިހަ ވަނަ ފަންގިފިލާގައި އުޅުނަސް، ރޭގަނޑުވެސް އިވެނީ ވެހިކަލްތަކުގެ ބަރުގަނުގެ އަޑެވެ. ކޮންމެވެސް ކަހަލަ ކޮންސްޓްރަކްޝަން މަސައްކަތެއް ކުރާ އަޑެވެ. ކޮންމެވެސް ބަޔަކު ގޮވާ އަޑެވެ. ދިރިއުޅުން އާރާސްތުކުރުމަށް މުޅި ދިރިއުޅުން ކުޑަ ކުޑަ ގޮޅި އަކަށް ބަދަލުކޮށްގެން އެތަކެއް ބަޔަކު މިހާރުވެެސް މާލޭގައި ދިރިއުޅެމުން ގެންދެއެވެ. ގޭތަކުގެ ކުލި ބޮޑު ކަމުން، އެކޮޓަރިއެއްގައި އެތަކެއް ދަރިންނާއި އެކު އެތަކެއް ބަޔަކު މިހާރުވެސް ދިރިއުޅެމުން ގެންދާކަމީ އެއްވެސް ޝައްކެއްއޮތް ކަމެއްނޫނެވެ. އެހެންކަމުން ސުވާލަކީ މިއީ ހަމަ އަސްލުވެސް ދިރިއުޅުން ހެއްޔެވެ؟ މާލެ އަކީ ހަމައަސްލުވެސް ދިރިއުޅުން ހެއްޔެވެ؟

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް