
294349_3_a4fd39e7be39291d3aa0d083e69bcfab0bb528e5_large
ކޮވިޑް19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން މިއަދު ފަށައިފިއެވެ.

މިއަދު ދެވަނަ ޑޯޒްދޭން ފަށާފައިވަނީ ކޮވޮޝީލްޑް ވެކްސިން އެވެ. މިއަދު ވެކްސިން ޖަހަން ހަމަޖެހިފައިވަނީ ފެބްރުއަރީ 1 އިން 4 އާއި ދެމެދު ވެކްސިން ދިން މީހުންނަށެވެ.
ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދެނީ މިހާރުވެސް ވެކްސިން ޖަހަމުންދާ މަރުކަޒުތަކުން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެގޮތުން ދެވަނަ ޑޯޒް ދިނުން ކުރިއަށް ދާނީ ސޯޝަލް ސެންޓަރ، ނެޝަނަލް އާޓް ގެލެރީ، ހުޅުމާލެ ފްލޫ ކްލިނިކް އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައެވެ.
ވެކްސިން ޖަހަން ދާއިރު ވެކްސިން ކާޑު ގެންދިއުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ކާކުކަން އަންގައިދޭ ކާޑް (އައި.ޑީ ކާޑް، ޕާސްޕޯޓް ނުވަތަ ލައިސަންސް ކާޑް) ގެންދިއުމަށްވެސް އެޗްޕީއޭއިން ވަނީ އެދިވަޑައިގެންފައެވެ.
ވެކްސިން ޖަހަންދާއިރު ހުންއައިސް، ކޯވިޑްގެ އެއްވެސް އަލާމާތެއް ހުރި އަދި ކޯވިޑް ޖެހިފައިވާ މީހަކާ ކޮންޓެކްޓްވެފައިވާ ފަރާތެއް ނަމަ ވެކްސިން ނުދެވޭނެ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.
ރާޖޭގައި މިހާރު ކޮވިޝީލްޑް ވެކްސިންގެ އިތުރުން ސިނޯފާމް ވެކްސިންވެސް އާންމުންނަށް ދޭން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.
މިހާތަނަށް ރާއްޖޭގެ އާބާދީގެ ދެލައްކަ ސާޅީސް އެއް ހާސް އެއް ސަތޭކަ ހަތާވީސް މީހުން ވަނީ ވެކްސިން ޖަހާފައެވެ. މީގެތެރޭގައި ބޮޑު އިންސައްތައެއް ޖަހާފައިވަނީ ކޮވިޝީލްޑް ވެކްސިންއެވެ.