
ExxmpcdVgAIWiWa
ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކޮވިޑް-19 ވެކްސިންގެ 2 ވަނަ ޝިޕްމަންޓް ރާއްޖެ ގެނެސްފިއެވެ.

ޗައިނާއިން ރާއްޖެ ހަދިޔާކޮށްފައިވަނީ އެ ގައުމުން އުފައްދާ ސިނޯފާމް ވެކްސިންގެ 200000 ޑޯޒް އެވެ.
މީގެ ތެރެއިން 100000 ޑޯޒްގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފައިވަނީ މާރިޗް މަހު 24 ވަނަ ދުވަހުައެވެ. 2 ވަނަ ޝިޕްމަންޓް ރޭގެ ވަގުތެއްގައި ލިބިފައިވާއިރު، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ދިން 200000 ޑޯޒް މިހާރު މިވަނީ ރާއްޖެއަށް ލިބިފައެވެ.
2 ވަނަ ޝިޕްމަންޓް ރާއްޖެ ގެނެސްފައިވަނީ މޯލްޑިވިއަން ގެ ފްލައިޓެއްގައެވެ.
ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހާތަނަށް ވަނީ، ކޯވިޑް19އިން ދިފާޢުވުމަށް ޖަހާ 3 ވެކްސިނެއް ރާއްޖޭގައި ދިނުމުގެ ހުއްދަ ދީފައެވެ. އެއީ އޮކްސްފޯޑާ އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިނާ، ޗައިނާގެ ސިނޯފާމް އަދި ޖަރުމަނުވިލާތުގެ ބަޔޯއެން ޓެކްގެ ފައިޒާ ވެކްސިންއެވެ. މީގެތެރެއިން މިހާތަނަށް ދޭން ފަށާފައިވަނީ ކޮވިޝީލްޑާ، ސިނޯފާމްއެވެ.
މިހާތަނަށް ރާއްޖޭގެ މުޅި އަބާދީގެ 47 އިންސައްތަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒްވަނީ ދީފައެވެ. އެއީ 235000 އަށްވުރެ ގިނަ މީހުންނެވެ.