
އުދައްޔުގެ މަރާ ގުޅިގެން 3 މީހަކާއި ކުޑަކުއްޖަކަށް ދައުވާކޮށްފި
udhahyyu
ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި އެރަށު ލިލީ އޮފްދަ ވެލީ، އަހުމަދު އުދައްޔުގެ ގަޔަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ތިން މީހަކާއި ކުޑަކުއްޖެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

2021 ފެބްރުއަރީ 8 ވަނަ ދުވަހު މާމެންދޫގައި ހިނގި މާރާމާރީގައި އުދައްޔު މަރުވީ ހަށިގަނޑަށް ވަޅިން ދިން ހަމަލާތަކުގެ ސަބަބުންނެވެ. އަދި މާރާމާރީގައި އުދައްޔުގެ އެއްބަނޑު ބޭބެ، ފިރުޝާން ޒާހިރަށް ވެސް ވަނީ ވަޅިން ހަމަލާދީފައެވެ.
ފުލުހުން އެމައްސަލައިގެ ތަހުގީގު ނިންމައިލުމަށްފަހު އެމީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިމަހުގެ އަށް ވަނަ ދުވަހު ޕީޖީގެ އޮފީހަށް ވަނީ ފޮނުވާފައި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރު އަހުމަދު ޝަފީއު މިއަދު މީޑިއާތަކަށް ވިދާޅުވީ، މި މައްސަލައިގައި ތިން މީހަކަށާއި ކުޑަކުއްޖެއްގެ މައްޗަށް ދައުވާ ކުރަން ޖުވެނައިލް ކޯޓަށާއި ކްރިމިނަލް ކޯޓަށް ފޮނުވީ މާރިޗު މަހު 22 ވަނަ ދުވަހު ކަމަށެވެ.
އުދައްޔުގެ މަރުގެ މައްސަލައިގައި ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަހުމަދު ޝަމީމާއި، އެރަށު ބިލަތްމާގެ، ޝަރަފް ރަޝީދުގެ އޮތުރުން އެރަށު ގުލްފާމުގެ، މުހައްމަދު މާޒިންގެ މައްޗަށެވެ.
އެމީހުންގެ މައްޗަށް ކުރަނީ ދެ ދައުވާ އެކެވެ. އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ހަމަ އެ ގާނޫނުގެ ދަށުން މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
އެ މާރާމާރީގައި މަރާލި އުދައްޔުގެ ހަށިގަނޑު މިދިޔަ މަހު 15ގައި ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވުމަށްފަހު 18ވަނަ ދުވަހު ވަނީ އަނބުރާ ރާއްޖެ ގެނެސްފަ އެވެ.