
ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ބަދަލުތަކާއެކު ރަށުގެ މިލްކުވެރިކަން އެ ރަށެއްގެ ރައްޔިތުންނަށް ލިބިގެންދާނެ - ރައީސް
181017_99cad94c-a_
ލާމަރުކަޒީ ނިޒާމަށް މިހާރު ގެނެސްފައިވާ ބަދަލުތަކާއެކު ރަށުގެ މިލްކުވެރިކަން އެ ރަށެއްގެ ރައްޔިތުންނަށް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ޑީސެންޓްރަލައިޒޭޝަން ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސް" ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.
ކައުންސިލުތަކުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ލާމަރުކަޒީ އުޞޫލުން ޚިދުމަތްތައް ދިނުމުގެ މަސައްކަތް ކުރާއިރު ކައުންސިލްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި، އެހީތެރިކަން މި ސަރުކާރުން ފޯރުކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ. ހަމަ އެއާއެކު، އެކަމުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުން ލިބެންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ލާމަރުކަޒީ ޤާނޫނަށް 2019 ވަނަ އަހަރު މި ސަރުކާރުން ހުށަހެޅި އިސްލާޙްތަކާ ގުޅިގެން ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިންތިޚާބުކުރެވޭ މަޤާމުތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެން ދިއުމާއި، އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރެވުމާއެކު، ޤައުމީ ފެންވަރުގައި އެކަންކަމަށް ދެވޭ އަހައްމިއްޔަތުކަން އިތުރުވެގެންދިއުންފަދަ މުހިންމު ބަދަލުތަކެއް އަންނާނެކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މި ކޮންފަރެންސަކީ ލޯކަލް ޤަވަރމަންޓް އޮތޯރިޓީ(އެލްޖީއޭ) އާއި ލޯކަލް ކައުންސިލްތަކާއި، ޔޫ.އެސް އެއިޑް އަދި އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް ގުޅިގެން ކުރިޔަށްގެންދާ ކޮންފަރެންސްއެކެވެ.