
ގއ އަތޮޅުގެ ކެޔޮޅުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފުލުހުން ފަށައިފި
ga.-atoll-dhoanifaharah-ziyaaraiy
ގއ އަތޮޅުގައި އޮޑިދޯނިފަހަރު ދުއްވާ ކެޔޮޅުންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެއަތޮޅުގައި މަސައްކަތްކުރާ ފުލުހުން ފަށައިފިއެވެ.

މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މިހާތަނަށް ގއ ވިލިނގިއްޔާއި ގއ ގެމަނަފުށީގައި އޮޑިދޯނިފަހަރު ދުއްވާ ކެޔޮޅުންނަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން އޮޑިދޯނިފަހަރު ދުއްވުމުގައި ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި އޮޑިދޯނިފަހަރު ގެންގުޅޭ މީހުން ސަމާލުވާންޖެހޭ ކަންކަމުގެ އިތުރުން ނުރައްކާތެރި ކަމެއް ހިނގައިފިނަމަ އަމަލުކުރަންވީ ގޮތްތަކާގުޅޭ މުހިންމު މައުލޫމާތު ދީފައިވެއެވެ.
ފުލުހުންނާއި ދޯނިފަހަރު ދުއްވާ ކެޔޮޅުންނާއި އޮންނަ ގުޅުން ހަރުދަނާކުރުމުގެ ގޮތުން ފުލުހުންވަނީ އެ ދޯނިފަހަރުގައި މަޑުކޮށް އެމީހުންނާއެކު ވަގުތު ހޭދަކޮށްފައެވެ. އެ ދެރަށުގައި ވަކިވަކިން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޖުމުލަ 14 ދޯންޏަކަށް ޒިޔާރަތްކޮށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި ޕްރޮގްރާމަކީ ގއ އަތޮޅުގައި އޮޑިދޯނިފަހަރު ދުއްވާ ފަރާތްތަކަށް އަމާޒުކޮށްގެން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.