
ސޯލްޝެއާ އަށް އިތުރު ކޮންޓްރެކްޓެއް ހުށަހަޅަން ޔުނައިޓެޑުން މަސައްކަތް ކުރަނީ
3007690-61709528-2560-1440
މި ސީޒަން ނިމުމުން އިނގިރޭސި ކުލަބް މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށް އިތުރު ކޮންޓްރެކްޓެއް ދޭން އެ ކްލަބުން ތައްޔާރުވަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ހޯސޭ މޮރީނިއޯ ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމުން ވަކިކުރުމަށްފަހު އެމަގާމާއި ދެން ހަވާލުވީ ސޯލްޝެެއާ އެވެ. މިއީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަގުތީ ކޯޗެއްގެ ގޮތުގަ އެވެ. ނަމަވެސް އޭނާ ގެ ކޯޗުކަމުގެ ދަށުގައި ޓީމުގެ ފަރާތުން ރަނގަޅު ކާމިޔާބީތަކެއް ލިބުމާއި އަދި މަސައްކަތް ރަނގަޅުވުމުން 2019 ވަނަ އަހަރުގެ މާޗް މަހު ޔުނައިޓެޑުން ވަނީ އޭނާގެ އެއްބަސްވުން ދާއިމީ ކޮށްފަ އެވެ. ސޯލްޝެއާ އޭރު ވަނީ ޔުނައިޓެޑާ އެކު ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން މި ސީޒަން ނިމުމުން ޔުނައިޓެޑުން 2023 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް ސޯލްޝެއާ އަށް އިތުރު ކޮންޓްރެކްޓެއް ދޭނީ މުސާރަ 10 މިލިއަން ޕައުންޑަށް ބޮޑުކޮށްދީފަ އެވެ. ސޯލްޝެއާ މި ވަގުތު ހުރީ އަހަރަކު ހަތް މިލިއަން ޕައުންޑްގެ މުސާރަ އަކަށެވެ.
ސޯލްޝެއާ ހަވާލުވި ފަހުން ޔުނައިޓެޑަށް މިހާތަނަށް ތައްޓެއް ލިބިފައިނުވެ އެވެ. އެކަމަކު އެ ކްލަބްގެ ބޯޑު މެޖޯރިޓީ މެމްބަރުން ދެކޭ ގޮތުގައި ތައްޓެއް ނުލިބުނު ކަމުގައި ވިޔަސް ސޯލްޝެއާ އެކު އެ ޓީމުގެ މިސްރާބު އޮތީ ރަނގަޅަށެވެ. މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމްވެސް ވަނީ ސޯލްޝެއާގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ޔުނައިޓެޑް ގެ ލެޖެންޑް ބެކަމް ބުނީ ސޯލްޝެއާ އަށް ޔުނައިޓެޑްގައި ކާމިޔާބު ހޯދޭނެ ކަމަށެވެ.
ދާދި ފަހުން ޔުނައިޓެޑްގެ މެނޭޖިން ޑިރެކްޓަރު ރިޗާޑް އާނޯލްޑް އިނގިރޭސި މީޑިޔާއަކަށް ދިން އިންޓަވިއުއެއްގައި ވަނީ ސޯލްޝެއާގެ މަސައްކަތް ކްލަބުން ބަލައިގަންނަ ކަމަށް ބުނެފަ އެވެ.