
EAVaODRsu9bu5miXfIehtHSE712JYVawVozeAvaU
އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ވައްދައިފިއެވެ.

މި މައްސަލަ މަޖިލީހަށް ވެއްދީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. އެމައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް ޝަރީފް ފޮނުއްވި ސިޓީގައިވަނީ އެ ހާދިސާ ހިނގި ފަހުން މިހާ ގިނަ ދުވަސްވެފައިވާ ކަމަށާއި އެ ހާދިސާ ހިނގި ގޮތް އެ ދަރިވަރު ކިޔައި ދިނުމުން ވެސް ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ސުވާލުކޮށްލަން ވެސް ޙާޒިރުކޮށްފައި ނުވުމަކީ އަނިޔާ ލިބުނު މައުސޫމް ކުއްޖާއަށް އިންސާފު ލިބޭނެ ކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
އަދި 14 އަހަރުގެ އަންހެން ކުއްޖާ މާރިޗު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އޭނާ ކިޔަވާ ސްކޫލް ކައިރީގައި ހުންނަ ގެސްޓްހައުސް އަކަށް ބަޔަކު ވައްދައި، މަރާލާނެ ކަމުގެ ބިރު ދައްކައި، ރޭޕްކޮށްފައިވާ ކަމަށް، ކަމާބެހޭ ފަރާތްތަކަށް ކިޔައިދީފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވެފައިވެއެވެ.
" އަދި އަންހެނުންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުން ފަދަ ސީރިއަސް މައްސަލަތަކާ މެދު އެއްވެސް ވަރެއްގެ ސަމާލުކަން ނުދޭކަން ދޭހަވާ ކަމެކެވެ. ކަންމިހެން އޮތުމާއެކު، އަނިޔާ ލިބުނު މައުސޫމް ކުއްޖާގެ ރަށުގެ ރައްޔިތުން މިކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް މުޒާހަރާ ކުރުމުން، އެ މުޒާހަރާކުރި މީހުންގެ ތެރެއިން 11 މީހުން މިހާތަނަށް ހައްޔަރުކޮށްފައިވާކަން ފާހަގަ ކުރަމެވެ. އަދި އަނިޔާ ލިބުނު މައުސޫމު ކުއްޖާއަށް އިންސާފު ނުލިބި، މުޖުރިމުން މިނިވަންކަމާއެކު ދޫވެފައި ތިބުމުން މުޅި މުޖުތަމައުގެ މަސްލަހަތު ގެއްލެމުންދާކަން ފާހަގަ ކުރަމެވެ." އެ ސިޓީގައިވެއެވެ.
ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައިގައި ހިމެނޭ މީހުން ހައްޔަރު ނުކުރާކަމަށް ބުނެ ރ.އަތޮޅު މަޑުއްވަރީގައި އާއްމުންގެ ބަޔަކު އެރަށު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ އިއްޔެ ރޭ ފުލުހުންނާއި ކުރިމަތިލައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއްގައި މަޑުއްވަރީގެ މަސްލަހަތު ވަނީ ގޯސްވެފައެވެ. އެ މައްސަލައިގެ ތުހުމަތު ފުލުހަކަށާއި، ޓީޗަރެއްގެ އިތުރުން އިތުރު ބަޔަކަށްވެސް ރަށު މީހުން ކުރަމުން ދާއިރު ރޭޕް ކުރުމުގެ ހާދިސާ ހިނގި ކަމަށް ބުނަނީ މިމަހުގެ 03 ވަނަ ދުވަހު އެވެ. ފުލުހުންނަށް މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.