
WhatsApp-Image-2021-03-22-at-19.17.09
މިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފިޝަރީޒް މިނިސްޓްރީ އަކީ އިގްތިސޯދަށް މަންފާ ހޯދަން މަސައްކަތްކުރާ މިނިސްޓްރީއަކަށްވާއިރު ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މިޔަރުގެ މަސްވެރިކަމެއް ކޮށްގެން ރާއްޖޭގެ އިގްތިސޯދަށް ފައިދާ ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން އޭގެ ބޭނުން ނުކޮށް ތިބޭންވީ ސަބަބެއް ނެތް ކަމަށާއި މިޔަރުގެ މަސްވެރިކަން ހުޅުވައިލައި އެކަން ކުރާނީ ކޮންގޮތަކަށްތޯ ބަލަން މަޝްވަރާތަކެއް ކުރަމުން ގެންދާ ކަމަށެވެ.
"ދުނިޔޭގަ މިޔަރު ހިމާޔަތް ކޮށްފައި ވަނީ މަދު ގައުމެއްގައި. އެއީ އިގްތިސޯދީ މަންފާއެއް ލިބޭ އެއްޗެއް، އަޅުގަނޑުމެން އެކަނި ހުދޫދެއްގެ ތެރޭގަ ތިބޭކަށް ނުޖެހޭ. މެނޭޖް ފިޝަރީއެއް ގޮތަށް ވަކި މުއްދަތަކަށް ހުޅުވާލާފައި، އާބާދީއަށް ގެއްލުން ނުވާ ގޮތަށް އޭގެ މަންފާ ހޯދަން ޖެހޭ." މިނިސްޓަރު ވިދާޅުވި އެވެ.
މިޔަރު އާބާދީ އިތުރުވުމަކީ ކަނޑުގެ އެހެން ދިރުންތަކަށް އަސަރުކުރާ ކަމެއް ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. މިޔަރަކީ ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ދިރުމެކެވެ.
މިނިސްޓަރ މިމޭރުމުން ވާހަކަ ދައްކާފައިމިވަނީ މިޔަރު ނެގުން ހުއްދަ ކުރަން ގިނަ ބަޔަކު ގޮވާލަމުން އަންނަ ދަނޑިވަޅެއްގައި އެވެ.