ތިނަދޫގައި ހިންގާ ޖަމިއްޔާއެއް ކަމަށްވާ ތިނަދޫ ޔޫތް ފުޓްބޯލް ކްލަބުން ބާއްވާ “ޑަބްލިއުޑީސީ ހިޔަލަ ފުޓްސަލް މުބާރާތް 2020” އާ ގުޅިގެން ގދ ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅަފައިވާ މައްސަލައާ ގުޅޭ އަޑުއެހުމެއް މާދަމާ އެ ކޯޓުގައި ބާއްވަން ނިންމައިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
ތިނަދޫ މެޖިސްޓެރޭޓް ކޯޓަށް އެ މުބާރާތާ ގުޅޭ މައްސަލައެއް ވައްދާފައިވަނީ އެމުބާރާތުގައި ބައިވެރިވާ އޭބީވައިޓީ ޓީމްގެ ފަރާތުންނެވެ.
އެމައްސަލައާ ގުޅޭ ގޮތުން އޭބީވައިޓީގެ މެނޭޖަރ, މަރިޔަމް ޝައްފާފް އިއްޔެ “ގާފަށް” މައުލޫމާތު ދެމުން ބުނީ, ކޯޓަށް މައްސަލައެއް ހުށަހެޅީ މުބާރާތުގެ ގަވާއިދުގައި އޮތް މާއްދާއަކާ ގުޅިގެން ކަމަށެވެ.
މައްސަލަ ރައްދުވާ ފަރާތްކަމުގައިވާ ތިނަދޫ ޔޫތް ފުޓްބޯލް ކްލަބުގެ އޮފިޝަލަކު ގާފަށް މައުލޫމާތު ދެމުން ބުނީ އަޑުއެހުން ފުރަތަމަ ތާވަލްކުރީ މިއަދުގެ މެންދުރު 14:00 އަށް ކަމަށެވެ. ނަމަވެސް ޖަމިއްޔާއިން ވާނީ މާދަމާއަށް އެ އަޑުއެހުން ތާވަލްކޮށްދެއްވުމަށް އެދި ކޯޓަށް ސިޓީ ފޮނުވާފައިކަމަށް އޭނާ ބުންޏެވެ. އަދި އެ މައްސަލައިގެ އަޑު އެހުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި އެގޮތުން ޖަމިއްޔާގެ ފަރާތުން ވަކީލެއް ހަމަޖައްސާފައިވާ ކަމަށާއި ކޯޓުން ވަކި ގޮތެއް ނިންމައިފި ނަމަ ވަގުތުން ވަގުތަށްވެސް މުބާރާތް ފެށުމަށް ތައްޔާރު ކަމަށެވެ.
މިކަމާ ގުޅިގެން ގދ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ކުޅިވަރާ ގުޅޭ މިފަދަ މައްސަލައެއް ކޯޓަށް ވެދުމުމާ ގުޅިގެން މީސްމީޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާ ޅުކުރަމުންނެވެ.
މި މައްސަލައުގެ ތަފްސީލް ދެމުން އޭބީވައިޓީގެ މެނޭޖަރު، ޝައްފަ ބުނީ މުބާރާތުގެ ގަވައިދުގައިވާ މާއްދާއެއްގައި ބަޔާން ކުރެވިފައި ނުވާ ކަމެއްގެ ސަބަބުން އެޓީމްގެ ކުޅުންތެރިޔަކަށް މުބާރާތުގައި ކުޅުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.
"ގަވާއިދުގަ އޮންނަނީ ކުޅުން ތެރިން ވާން ޖެހޭނީ 1 ޖެނުއަރީ 2020 ގެ ކުރިން މުބާރާތުގައި ކުޅެވޭނީ ތިނަދޫގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކާއި ރަށުން ބޭރު މީހެއް ނަމަ ތިނަދޫގައި ވަޒީފާ އަދާ ކުރާ ފަރާތެއް ކަމުގައި ވުން. އަދި ތިނަދޫ މީހަކާ އިނދެގެން ނުވަތަ ތިނަދޫގައި ދިރިއުޅޭ މީހެއް ކަމަށްވާން ޖެހޭ ކަމަށް. އެެއްވެސް ހާލަތެއްގައި ނެތް ޓާމްތަކަށް ރަށުން ބޭރަށް ދާން ޖެހޭ މީހަކަށް ނުކުޅެވޭޭނެޔެ," ޝައްފާފް ބުންޏެެވެ.
ޝައްފާފް ބުނި ގޮތުގައި މުބާރާތުގެ ގަވާއިދުގައިވާ ގޮތުން ޓީމުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލިފައިވަނީ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ މޯލްޑިވްސް ޕޮލިސް ސަރވިސްގެެ މުވައްޒަފެކެވެ. އަދި ޓީމް ލިސްޓު ހަވާލުކުރި އިރު އެ ކުޅުންތެރިޔާ ތިނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ކަމުގެ ލިޔުމާއި, ތިނަދޫގައި ދިރިއުޅޭ ކަމުގެ ލިޔުންވެސް ހަވާލުކޮށްފައިވާނެ ކަމަށް އޭނާ ބުންޏެވެެ.
ނަމަވެސް ތިނަދޫ ޔޫތް ފުޓްބޯލް ކްލަބުން ބުނީ އެ މާއްދާއާ ގުޅިގެން ހުރިހާ ޓީމްތަކަށް މައުލޫމާތު ދީ ރަނގަޅަށް ފަހުމްވާނެ ހެން އޮޅުންފިލިވައިދީފައެވެ. ނަމަވެސް އޭބީވައިޓީގެ ފަރާތުން ބުނެފައިވަނީ އެކަމާ ގުޅިގެން އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދީފައިނުވާ ކަމަށެވެ.
މި މައްސަލާގައި ކޯޓުން ނިންމާނެ ގޮތަކާ މެދު ގިނަ ބަޔަކު ތިބީ ކެތް މަދުވެފައެވެ.