ހުދު ސަންގުމަރުމަރު ހިލައެއްހާ ރީތިވިޔަކަސް ނިމުނީއެއްނޫނެވެ!

ދިރިއުޅުމަކީ ކަށިކުބުރު ޖަންގަޔެކޭވެސް މީހުންބުނެއުޅެއެވެ. އެއީ ވަކި ދިރިއުޅުން، ކަށިކުބުރު އަދި ގަސްބޯ ޖަންގައްޔަކަށް ވެގެންނެއް ނޫނެވެ. އެހެންނެއް ކަމަކު އެއީ ދިރިއުޅުމުގައި އެކިމީހުންނަށް ދިމާވާ އަނޑިގުޑަންތަކާއި، ނޭނގި ހުއްޓާ ވެއްޓޭ ވަޅުގަނޑުތަކެވެ. ދިރިއުޅުމުގައި ދިމާވާ ދަތި އުނދަގޫތަކާއި އަޅަންޖެހޭ ވޭންތަކެވެ.

ކޮންމެ މީހަކީވެސް އެމީހެއްގެ ދިރިއުޅުން އެންމެ ފުރިހަމަ ދިރިއުޅުމަކަށް ހަދަން ބޭނުންވާނެ މީހެކެވެ. ދިރިއުޅުމުގައި ދިމާވާ އެންމެހާ ގިރާތަށް ހުރަސްކޮށް، ދިރިއުޅުމުގައި ކޮންމެވެސް ކަމެއް ކަމެއް ހާސިލްކުރަން އުޅޭނެ މީހެކެވެ. އެއީ ކޮންމެފަދަ ކަމެއްކަމުގައި ވިޔަސް، އެކެއްގެ އެހީ އަނެކާއަށްބޭނުންވާނެއެވެ. އެއީ އިންސާނީ ތަގްދީރެވެ. މިކަން މިހެން އޮތްއިރު، މީހެއްގެ އެތެރެފުށް ނުވަތަ އަނެކާ ތިމާއާއި މެދު ދެކޭގޮތް ގޯސްވެއްޖެ ނަމަ ކަންކަން ގޯހުންވެސް ހިނގައިދާނެއެވެ. ކާންދޭއަތުގައި ދަތްވެސް އަޅާފާނެއެވެ. އެންމެކައިރީގައި ހީލާއުޅޭ ރަހުމަތްތެރިޔާ ބޭވަފާތެރިވެސް ވެދާނެއެވެ. ގަސްތުގައި ތިމާ ފުންނޭގޭ ވަރުގެ އަނދަވަޅަކަށްވެސް ވައްޓަފާނައެވެ. އެހެންމީހަކު ތިމާއާއި ދޭތެރޭ ދެކޭ ގޮތެއްގެ ސަބަބުން ނުވަތަ ހިތުގައި އޮތް ނިޔަތެއްގެ ސަބަބުން ތިމާއަށް ކޮންމެފަދަ ދެރައެއްވެސް ދީފާނެއެވެ.

އިންސާނާއެވެ. ތިމާގެ ގާތް ރަހުމަތްތެރިޔާ، އާއިލާމިހަކު ނުވަތަ އަވަށްޓެރިއަކަށް ކުރިއެރުމެއް ލިބުމުން އެކަމާ ހަސަދަވެރިނުވާށެވެ. ތިމާއަށް ނުލިބޭވަރުގެ ބޮޑު އުފަލެއް އަނެކާއަށް ލިބުމުން އެއުފަލުގައި ބައިވެރިވާށެވެ. ދުނިޔެއަކީ ވަގުތީ ފާލަމެއްކަން ދަނެ، އެކަކު އަނެކަކަށް މަދަދާއެކު އެހީތެރިވެދީ ހަދާށެވެ. ހިތް ނިޔަތް ޙާލިސްކުރުމާއެކު، އަބަދުވެސް އަނެކާއަށް ހިތްހެޔޮކަމާއެކު މުޙާތަބުކުރާށެވެ. އަނެކުންގެ އިހުސާސްތަށް ދަންނާށެވެ. ކިތަންމެ ގަޔަށްބާރު ހެދުންލައި، ކިތަންމެ ބައިވަރު މޭކަޕެއްކޮށް، ކިތަންމެ ބައިވަރު ޓައިއަޅައި ބޫޓަށް އަރައި ރީތިވިޔަކަސް އެއީ ހުދު ސަންގުމަރުމަރު ހިލައެއްނޫނެވެ. ދާއިމަށް ދެމެހެއްޓެވިނިވި ހުދުސަންގުމަރުމަރު ހިލައަކީ ރިވެތި އަޙްލާގެވެ. އެމީހަކު އެނެކާއާއި ދޭތެރޭދެކޭ ހެޔޮ ގޮތެވެ. އަނެކާއަށް ހިތް ހެޔޮވުމެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް