ރާއްޖޭގައި ބާއްވާ މޫދު ކުޅިވަރުގެ އެންމެ ބޮޑު ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ގާފު އެޑިޓޯރިއަލް
3/21/2021, 3:54:35 PM
bbb
ރާއްޖޭގައި ބާއްވާ މޫދު ކުޅިވަރުގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ "ބާ2000 ފަރަމަންތާ ޗެލެންޖް" ގެ ސާފިންނާއި ބޮޑީބޯޑިންގެ އިވެންޓުތަކުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
ބާ2000 އަދި ފަރުމަތި އިވެންޓްސް އާއި ގުޅިގެން ބާއްވާ "ބާ2000 ފަރަމަންތާ ޗެލެންޖް" ގައި އޯޕަން ވޯޓާ ފެތުމާއި، ސާފިން އަދި ބޮޑީބޯޑިންގެ އިވެންޓުތައް ހިމެނެއެވެ. މީގެ ތެރެއިން ސާފިންގ އާއި ބޮޑީބޯޑިންގެ އިވެންޓުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހޮނިހިރު ދުވަހު ހުޅުވާލިއިރު، އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މި އިވެންޓުތަކުގައި ބައިވެރިވެވޭނެއެވެ.
"ބާ2000 ފަރަމަންތާ ޗެލެންޖް" ގެ ސާފިންނާއި ބޮޑީބޯޑިންގައި ބައިވެރިވާން ހުޅުވާލިއިރު، މި އިވެންޓުތައް ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ޖޫން މަހުގެ 24 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، އޯޕަން ވޯޓާ ފެތުމުގައި ބައިވެރިވާން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.
ކޮވިޑް-19 އާ ގުޅިގެން "ބާ2000 ފަރަމަންތާ ޗެލެންޖް" ފެށުން މީގެ ކުރިން ފަސްކޮށްފައިވާއިރު، "ބާ2000 ފަރަމަންތާ ޗެލެންޖް" ގެ ހަރަކާތްތައް ކުރިއަށްގެންދަނީ އެ ކުޅިވަރުތަކާ ގުޅޭ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އެއްބާރުލުމާ އެކީގައެވެ. މި ޗެލެންޖަކީ ރާއްޖޭގައި މޫދު ކުޅިވަރު ޕްރޮމޯޓުކޮށް، އެފަދަ އިވެންޓުތައް ތަފާތު ގޮތަކަށް ގެނެސްދިނުމަށް ގައުމީ އެސޯސިއޭޝަންތަކާއެކު ބައިނަލްއަގުވާމީ ފެންވަރެއްގައި މަސައްކަތް ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.