
ދިވެހި ލީގު ނުފެށޭތީ ކުލަބްތަކާއި ކުޅުންތެރިންނަށް ލިބޭ ގެއްލުން ބޮޑު: މަހްލޫފް
big_B2qiXerrC4bIMSD
ދިރާގު ދިވެހި ޕްރިމެޔާ ލީގު ނުފެށި ގިނަދުވަސްތަކެއްވެފައިވާ އިރު އެކުމުގެ ގެއްލުން ކުލަބްތަކާއި އެ ކުލްބްތަކުގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ކުރަމުންދާކަަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ މިގޮތަށް ކުޅިވަރުތައް ހުއްޓާލާފައި އޮންނަން ޖެހޭތީ އެކަމުގެ އަސަރު ހުރިހާ ކުޅިވަރަކަށް ކުރަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާ ތެރޭގައި ކުޅިވަރުތައް ފެއްޓޭތޯކުރި މަސައްކަތްތަކުގައި ޔޫތު މިނިސްޓްރީން ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއާ ބައްދަލުކުަރެވުނު ކަމަށް މަހުލޫފް ވިދާޅުވިއެވެ.
އަދި އެ ބައްދަލުވުމަށް ފަހު ފުޓްބޯޅައިގެ އިތުރުން އެހެން ހުރިހާ ކުޅިވަރެއް ފަށަން ހުއްދަ ލިބޭތޯ ކުރެވުނު މަސައްކަތުގައި ގޮތެއް ކަނޑައަޅަން އޮއްވައި ބުރާސްފަތި ދުވަހު ކޮވިޑް ކޭސްތައް އިތުރުވުމާ އެކު ކަންތައްތައް އަނެއްކާ ލަސްވެ މަޑުޖެހުނީކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރ މަހުލޫފް އިތުރަށް ވިދާޅުވި ގޮތުގައި ކުޅިވަރުތައް ހުއްޓާލާފައި އޮތުމުން ހަގީގަތުގައި އެންމެ ބޮޑު ގެއްލުމެއްވެފައި ވަނީ ފުޓްބޯޅަ އަށް ކަމަށެވެ. ސަބަބަކީ ރާއްޖޭގެ ކޫޅޭ އެހެން ކުޅިވަރުތކާއި އަޅައި ބަލާއިރު ފުޓުބޯޅައިގައި ކުލަބްތަކުން ކުރަމުން އަންނަ ހަރަދު ބޮޑުވެފައި ކުރިއަތް ވޯލްޑް ކަޕް ކޮލިފައިން އާއި އޭއެފްސީ ކަޕްގެ މެޗުތައް ވެސް އޮތުމެވެ. އެއީ އެހެން ކުޅިވަރުތަކަށް ބުނެވޭ ދެރަބަހެއް ނޫން ކަމަށާއި ފުޓްބޯޅަ އަށް ލިބޭ ގެއްލުން ބޮޑުވެފައި ބުނަން ޖެހޭ ސަބަބުތައްވެސް ގިނަވުމެވެ.
މިނިސްޓަރު ވިދާޅުވީ މިކަމުގައި ގޮތް ނިންމުމުގެ ބާރު އޮތީ އެޗްޕީއޭ އަތުގައި ކަމަށާއި އެޗްޕީއޭ އިން ކަންތައްތައް ނިންމާއިރު އެ މީހުން ބަލަންޖެހޭ ކަމަކީ ކޮވިޑް އިތުރަށް ފެތުރުނަނުދޭން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުން ކަމަށެވެ. އެކަން އެގޮތަށް ކުރަން ޖެހޭނެކަމަށް އެއްބަސްވާ ކަމަށާއި އެކަމަކު ކުޅިވަރުގެ ހައްގުގައި މިނިސްޓަރެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ ކަންތައްތައް ކުރަން ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން މަހުލޫފު ވަނީ ދެއްވާފައެވެ .