
image_qVrkytwbqUYviup
އައްޑޫއާއި އެކު ދެކުނުގެ ޓޫރިޒަމަށް ދިރުން ގެނެވޭނެ އެންމެ މުހިއްމު ވަސީލަތަކީ ގަން އިންޓަނެޝަނަލް އެއާޕޯޓް ކަމަށް ވިދާޅުވެ ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ދެއްކެވި ވާހަތަކަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ރައްދު ދެއްވައިފި އެވެ.

އައްޑޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މައުސޫމް ވަނީ ދެކުނުގެ ޓޫރިޒަމަށް ދިރުން ގެނެވޭނެ އެންމެ މުހިއްމު ވަސީލަތަކީ ގަން އިންޓަނެޝަނަލް އެއާޕޯޓް މިހާރަށް ވުރެ ރަނގަޅަށް ހިންގުން ކަމަށާއި އެގޮތުން އިންޓަނޭޝަނަލް ފްލައިޓްތަކާއެކު ރާއްޖޭގެ އެހެން ޑޮމެސްޓިކް އެއާޕޯޓްތަކަށް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމުތަކެއް ހުރުމަކީ ޓޫރިޒަމް ދާއިރާގެ ކުރިމަގަށް ވަރަށް މުހިއްމު ކަމެއްކަމަށް ބުނެފައި އެވެ. މިއާއި އެކު ހުވަދު އަތޮޅަށް ނިސްބަތްވާ ގިނަ ބަޔަކު އަންނަނީ ޑރ މައުސޫމް އަށް ފާޑު ވިދާޅުވަމުންނެވެ.
ދެކުނުގެ ޓޫރިޒަމަށް ދިރުން ގެނެވޭނެ އެންމެ މުހިއްމު ވަސީލަތަކީ ގަން އިންޓަނެޝަނަލް އެއާޕޯޓް ކަމަށް ޑރ މައުސޫމް ވިދާޅުވި ހަބަރު " ގާފު " ގައި ޝާއިރުކުރުމާއި އެކު އެ ހަބަރު ޝެއާރ ކުރައްވަމުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ވިދާޅުވީ މިނިސްޓަރ ކޮންމެވެން އެހެން ކަމަމާއި އުޅުމަށާއި ހުވަދޫއާއި ގުޅުވައިގެން އެގޮތަށް ވާހަކަ ނުދެއްކުމަށް އެދޭ ކަމަށެވެ. މިގޮތަށް ކުރެވޭ ކޮންމެ ކަމެއްގައި ހުވަދު އަތޮޅުގެ ރައްޔިތުންގެ ނަން ބޭނުންކޮށް، ގުރުބާން ކަންބަޅިތަކަކަށް ހުވަދޫ ރައްޔިތުން ނެހެދުމަށް ސަނީފް ވަނީ މިނިސްޓަރ މައުސޫމަށް ގޮވާލާފައެވެ.
މިނިސްޓަރ ކޮންމެވެސް އެހެން ކަމަކާއި އުޅޭ، ހުވަދޫ އާއި ގުޅުވައިގެން ތި ގޮތަށް ވާހަކަ ނުދެއްކެވުން އެދެން. ހުވަދޫއަކީ ކަންބަޅިއެއްނޫން ޤުރުބާން ކުރަން ހުވަދޫ ރައްޔިތުންތިބީ ތިގޮތަކަށްނޫން. - ސަނީފް ވިދާޅުވިއެވެ.
އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ މައުސޫމް ވިދާޅުވި ގޮތުގައި އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓް ކުރާނީ ފުވައްމުލަކާއި ހުވަދު އަތޮޅު ވެސް ހިމެނޭ ގޮތަށް ކަމަށެވެ.
މިނިސްޓަރ މިމޭރުމުން ވާހަކަ ދައްކާފައިމިވަނީ ހުވަދު އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުން މުހިންމު ކަމަށްބުނެ ގިނަ ބަޔަކު ގޮވާލަމުން އަންނަ ދަނޑިވަޅެއްގައި އެވެ. އަދި ހުވަދު އަތޮޅުގައި އެއާޕޯޓެއް އެޅުމަށް އެންމެ ވަރުގަދައަށް މަޖިލީހުގައި ވާހަކަ ދައްކަވަމުން އަަންނަ މެމްބަރަކީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް އެވެ.
ހުވަދު އަތޮޅަކީ މިހާރުވެސް އޮޕަރޭޓްކުރާ 3 އެއާޕޯޓް އޮތް އަތޮޅަކަށްވާއިރު، ހުވަދޫ އެއާޕޯޓްތައް ތަރައްޤީ ކުރުމަށާއި ހުވަދު އަތޮޅުގެ ތަރައްޤީއަށް އެންމެ އެކަށީގެންވާ މަސައްކަތް ނުކުރެވޭކަމުގެ ޝަކުވާ އެއަތޮޅުގެ ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުމާއިއެކު ފާޅު ކުރަމުންނެވެ. ހުވަދު އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.