
އުދައްޔުގެ މަރާ ގުޅިގެން ތިން މީހަކާ ކުޑަކުއްޖަކަށް ދައުވާ ކުރަން ފޮނުވައިފި
udhahyyu
ގއ މާމެންދޫގައި މިދިޔަ މަހު ހިނގި މާރާމާރެއްގައި 17 އަހަރުގެ އަހުމަދު އުދައްޔު މަރައިލި މައްސަލައިގައި ތިން މީހެއްގެ އިތުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި އެމައްސަލައިގެ ތަހުގީގު ނިންމައިލުމަށްފަހު އެމީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިމަހުގެ އަށް ވަނަ ދުވަހު ޕީޖީގެ އޮފީހަށް ވަނީ ފޮނުވާފައި އެވެ.
އެ މާރާމާރީގައި މަރާލި އުދައްޔުގެ ހަށިގަނޑު މިދިޔަ މަހު 15ގައި ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވުމަށްފަހު 18ވަނަ ދުވަހު ވަނީ އަނބުރާ ރާއްޖެ ގެނެސްފަ އެވެ.
އުދައްޔު މަރައިލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވާނެ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. އެއީ 27 އަހަރުގެ މީހަކާއި 23 އަހަރު އަދި 18 އަހަރުގެ މީހެކެވެ.
ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފު އަހްމަދު ކުރިން ވިދާޅުވި ގޮތުގައި އުދައްޔު އެހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފަ އެވެ. އޭނާގެ ބުރަކައްޓަށް ވަޅިން ގިނަ ހަމަލާދިނުމުގެ ސަބަބުން ފުން ޒަހަމްތަކެއް އަދި އެއްތަނަކަށް އެތައް ފަހަރަކު ވަޅި ޖަހާފައި ވެއެވެ.