
ހުވަދުއަތޮޅު 6 ރަށެއްގައި ފެނާއި ނަރުދަމާ އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
IMG_2790
ހުވަދު އަތޮޅު 6 ރަށެއްގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ބަޔަކާއި މިއަދު ހަވާލުކޮށްފިއެވެ.

ހުވަދު އަތޮޅުގެ 6 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ހަވާލުކޮށްފައިވަނީ ޓްރެވެނީ އިންޖިނިރަރިންގ އިންޑަސްޓްރީސް ޕވޓ ލޓޑ އާއި އެވެ. މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކުރީ ޖުމްލަ 22.8 މިލިއަން ރުފިޔާއަށެވެ.
އެގޮތުން ގއ.ދާންދޫ، ގއ.ގެމަނަފުށި، ގއ. މާމެންދޫގެ އިތުރުން ގދ. މަޑަވެލީގެ ފެނުގެ ނިޒާމު ޤާއިމުކުރުމަށް ހަވާލުކުރެވުނު އިރު ގދ ފަރެސްމާތޮޑާގެ އިތުރުން ގދ ހޯޑެއްދޫގައި ފެނުގެ ނިޒާމުގެ އިތުރުން ނަރުދަމާ އެޅުމުގެ މަސައްކަތް ވަނީ ހަވާލުކުރެވިފައެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކޮށްދެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤް އެވެ. އަދި ޓްރެވެނީ އިންޖިނިރަރިން ފަރާތުން ސޮއިކޮށްދެއްވީ އެކުންފުނީގެ އެޑިޝަނަލް ގެނެރަލް މެނޭޖާރ އޭޑީ ގުޕްތާއެވެ.
މި މަޝްރޫއު ތަކަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫއު ތަކެކެވެ.
ހަމައެކަނި ފެނުގެ ނިޒާމް ގާއިމް ކުރާ ރަށްރަށުގައި މަސައްކަތް ނިންމުމަށް ހާވާލުކޮށްފައިވަނީ ޖުމްލަ 20 މަސްދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ. އަދި ފެނުގެ ނިޒާމުގެ އިތުރުން ނަރުދަމާ އެޅުމަށް ހަވާލުކުރެވުނު ގދ ހޯޑެއްދޫ އަދި ގދ. ފަރެސްމާތޮޑާގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 26 މަސްދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ.
ހުވަދު އަތޮޅުގެ 6 ރަށް ހިމެނޭހެން ޖުމުލަ 34 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް މިއަދު ވަނީ އެކި ކުންފުނިތަކާއި ހަވާލުކޮށްފައި އެވެ.