
ވެކްސިންގެ ދެވަނަ ޑޯޒް ހާއްސަ ހާލަތްތަކުގައި ބައެއް މީހުންނަށް ޖަހައިދޭނެ - އެޗްއީއޯސީ
294214_3_4442be6564283c141513b6df52cc19b807490faa_large
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަމުން އަންނަ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް އަދި ދޭން ފަށައިފައި ނުވިނަމަވެސް ހާއްސަ ހާލަތްތަކުގައި ބައެއް މީހުންނަށް ވެކްސިން ޖަހައިދޭނެ ކަމަށް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިއަދު ބުނެފި އެވެ.

އެޗްއީއޯސީއިން މައުލޫމާތު ދޭގޮތުގައި މިހާރު ވެކްސިންގެ ދެ ވަނަ ޑޯޒް ދެމުން އަންނަނީ، އިމަޖެންސީ ހާލަތްތަކުގައި ނުވަތަ ދަތުރެއް ކުރަން ޖެހިފައި އޮތުމުން، ވެކްސިން ޖަހަން އަށް ހަފުތާ ފަހުން ނާދެވޭ މީހުންނަށެވެ. މި ހާލަތްތަކުގައި ވެކްސިން ދޭނީ، އެކަމާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ހުށަހެޅުމުން ކަމަށް ވެސް އެޗްއީއޯސީއިން މައުލޫމާތު ދެއެވެ.
އެޗްއީއޯސީއިން މިހެން ބުނެފައި މިވަނީ ބައެއް ފަރާތްތަކަށް ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ދެމުން އަންނަ ކަމަށް ބުނެ ގިނަ ބަޔަކު މީސް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައި އެވެ.
ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ރާއްޖޭގައި ދިނުމަށް އެޗްއީއޯސީއިން ނިންމާފައި ވަނީ، ފުރަތަމަ ޑޯޒް ދިންތާ އަށް ހަފުތާ ފަހުންނެވެ.
ކޮވިޑް-19 ގެ ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުން މިހާރު ވަނީ މާލެ ސަރަހައްދުގައި މެދުކަނޑާލައިފަ އެވެ. އެހެން ނަމަވެސް އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ވެކްސިންގެ ފުރަތަމަ ޑޯޒްދިނުން މިހާރުވެސް ކުރިޔަށް އެބަ ގެންދައެެވެ.
އިންޑިއާ ސަރުކާރާއި ކޮވެކްސް ފެސިލިޓީގެ ދަށުން 212،000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިން ލިބިފައި ވެ އެވެ. އަދި ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކުރިއަށްގެންދާ ފެސިލިޓީގެ ދަށުން 108،000 ޑޯޒް ރާއްޖެ އަށް ލިބޭނެ އެވެ. ކޮވެކްސް މިހާތަނަށް ލިބިފައިވަނީ ކޮވިޝީލްޑުގެ 12،000 ޑޯޒެވެ. އޭގެ ބާކީ ބަޔާއި ފައިޒާ ވެކްސިންގެ 5،850 ޑޯޒް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ބައެއް ވެކްސިން ވަރަށް އަވަހަށް ލިބޭނެ ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ. ރާއްޖޭގައި ކޮވިޝިލްޑްގެ އިތުރުން ފާއިޒާ އަދި ޗައިނާ ސަރުކާރުގެ ސައިނޯފާމް ވެކްސިންއަށް ވަނީ ހުއްދަދީފައި އެވެ.